މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި އަދި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ.
މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސް މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ފަސް މިލިއަން ގަސް އިނދުމުގެ ހަރަކާތުގެ ހާއްސަ ލޯގޯވެސް ރައީސްގެ ދެ ކަނބަލުން އިފުތިތާހުކޮށްދެއްވިއެވެ.
އެ ރަސްމިއްޔާތު އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެކަންބަލުނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި އެންބެސެޑަރުން ވަނީ ގަސް އިންދަވައިފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ލޮނުޒިޔާރަތް ޕާކުގެ އެކި ސަރަހައްދު ތަކުގައި ގަސް އިންދާފައިވެއެވެ. މީގެ ތެރޭގައި ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގަހާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކިބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދާފައި ވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ބުނީ އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއްގައި އެ ޕްރޮގްރާމް ކުރިޔަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ ހަތަރު ބާވަތެއްގެ ގަހެވެ .އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަސްތަކާއި ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައް ކަމަށްވެސް ބުންޏެވެ.
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް އިންދާނެއެވެ. އަދި މިގޮތުން އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި، ކާބަން ނަގާ މިންވަރު ވަޒަންކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިއަދު އިންދީ ރާއްޖޭގައި މިހާރު ނެތި ދިއުމުގެ ބިރު ހީވެފައިވާ 22 ވައްތަރެއްގެ ގަސް ކަމަށެވެ. އަދި 90 ބާވަތެއްގެ ގަސް ރާއްޖޭގައި ވަރަށް ބޮޑަށް މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު