ޓީޗަރުންނާއި ބެލެނިވެރިންނާ ދެމެދު މުއާމަލާތްކުރަން ކްލާސްތަކުން ވަކިވަކި ވަައިބާ ގުރޫޕުތައް ނުހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން، ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއާލާއެއްގައި ބުނީ ސްކޫލް ދަރިވަރުންނަކީ އަމިއްލައަށް ކިޔެވުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި، ސްކޫލުތަކުން ކުރާ މަސައްކަތް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަން ޖެހޭ ކަމަށެވެ.
ބެލެނިވެރިންނާ މުއާމަލާތްކުރަން ބޭނުންކުރާ ޕްލެޓްފޯމްތަކަކީ ހަމައެކަނި އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕުތަކަކަށް ހެދުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފައެވެ. އަދި އެ ކޮމިއުނިޓީ ގްރޫޕުތައް ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ކޮމިއުނިޓީ ގްރޫޕަށް މެސެޖު ކުރެވޭ ގަޑިއަކީ ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ވެގެންނުވާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
"މިއާއެކު، ބެލެނިވެރިން މުދައްރިސުންނާ މުއާމަލާތްކުރެއްވުމަށް ވަކިވަކި ކުލާސްތަކަށް ރަސްމީ ގްރޫޕުތައް ބޭނުން ނުކުރުމަށް ދަންނަވަމެވެ،" އެޑިއުކޭޝަނުން ބުންޏެވެ.
ސްކޫލުތަކުން ބެލެނިވެރިންނާއެކު ރަސްމީ މުއާމަލާތް ކުރަން ބޭނުންވެ އެކަމަށް އިތުރު ގްރޫޕެއް ހަދާނަމަ، ވަކިވަކި ކީސްޓޭޖުތަކަށް ނުވަތަ ގްރޭޑުތަކަށް ހާއްސަ ގްރޫޕެއް ހެދިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްކޫލުން ދަރިވަރުންނާ ހަވާލުކުރާ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް އެފަދަ ގްރޫޕުތައް ހެދުމުގެ ބަދަލުގައި ދަރިވަރުން އަމިއްލައަށް އުނގެނުމަށް ޒިންމާވާނެ ފަދަ އާދަތައް ގެންގުޅުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު