މިއަހަރުގެ ހައްޖު ދުވަހު ހޫނުމިން 44 ޑިގްރީއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސައުދީ އަރަބިއްޔާގެ ނެޝަނަލް މީޓިރިއޮލޮޖީ އިން ބުނެފިއެވެ.

ސައުދީގެ ނެޝަނަލް މީޓިރިއޮލޮޖީގެ އޮފިޝަލުން ވަނީ މައްކާ އަދި މަދީނާގެ އާންމު ފިނިހޫނު މިން ދެ ޑިގްރީ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ނެޝަނަލް މީޓިރިއޮލޮޖީއިން ފޯކާސްޓު ކޮށްފައިވާ ގޮތުން ހައްޖު ދުވަހު ވައިގެ ތެތްކަން ހުންނާނީ 25 އިންސައްތައިގައެވެ. އަދި ވާރޭ ވެހޭނެކަމުގެ އެއްވެސް ވަރަކަށް ފޯކާސްޓުން ނުދައްކާ ކަމަށް މެޓުން ބުނެއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ހައްޖުގެ މަރުހަލާތައް ފަށާ އިރު، ސައުދީ ސަރުކާރުން ވަނީ ހައްޖާޖީންގެ ލުއިފަސޭހަ އަށް ގިނަ ހިދުމަތްތަކެއް ތައާރަފް ކޮށް އިތުރަށް ފުރިހަމަވެސް ކޮށްފައެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މީހުން ހައްޖު ވުމަށް ސައުދީ އަށް ޒިޔާރަތްކުރި އިރު، 2000 އަށް ވުރެ ގިނަ މީހުންނަށް ހޫނު ވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެ، ފަރުވާ ދޭން ޖެހުނު ކަމަށް އޮފިޝަލުން ބުނެއެވެ. މިދިޔަ އަހަރުގެ ހައްޖު ދުވަހު ސައުދީގެ ފިނިހޫނުމިން ހުރީ 48 ޑިގްރީ ސެލްސިއަސްގައި ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.