އިޒްރޭލުން ދިން ހަމަލާއެއްގައި އިރާނުގެ މިލިޓަރީ އެޑްވައިޒަރު އަވަހާރަވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ސީރިއާގެ އަލެޕޯ ސިޓީ އަށް އިޒްރޭލުން ދިން ހަމަލާގައި އިރާނުގެ އިސްލާމިކް ރެވެލިއުޝަނަރީ ގާޑްގެ ފަރާތުން ސީރިއާގައި ހަރަކާތްތެރިވާ މިލިޓަރީ އެޑްވައިޒަރު ސައީދް އަބިޔަރު އަވަހާރަކޮށްލާފައިވާކަން އިރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިޒްރޭލުން ދިން ހަމަލާގައި އެޑްވައިޒަރުގެ އިތުރުން އެހެން މީހަކު މަރުވެފައިވާ ކަމެއް ނުވަތަ އަނިޔާއެއް ވެފައިވާ ކަމެއްވެސް ރިޕޯޓު ކޮށްފައެއް ނުވެއެވެ.

މިއީ އޭޕްރީލް މަހު އިޒްރޭލުން ދިން ހަމަލާއެއްގައި އިރާނުގެ އެމްބަސީއެއްގައި ތިބި ގިނަ ކޮމާންޑަރުންތަކެއް އަވަހާރަ ކޮށްލި ހަމަލާއަށް ފަހު އިރާނުގެ އިސް މީހަކު އަވަހާރަ ކޮށްލި ފުރަތަމަ ފަހަރެވެ.

އޭޕްރިލް މަހު ދިން ހަމަލާގައި އިރާނުގެ ކޮމާންޑަރުންތަކެއް އަވަހާރަވީ ހާދިސާއަށް ފަހު އިރާނުން ވަނީ އިޒްރޭލަށް ޑްރޯން އާއި މިސައިލު ހަމަލާއެއް އަމާޒުކޮށް މުޅި ދުނިޔެއަށް ބިރުދައްކައި އިރާނުގެ ބާރުގަދަކަށް ދައްކާލައިފައެވެ.

އިޒްރޭލުން ހަމަލާދީ މިލިޓަރީ އެޑްވައިޒަރު ސައީދް އަބިޔަރު އަވަހާރަކޮށްލާފައިވާ އިރު އަދި މިހާތަނަށް އިރާނުން އެކަމުގައި ބަހެއް ބުނެފައެއް ނުވެއެވެ.