ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުކަމަށްވާ އެމެރިކާގައި މިއަހަރު ރިޔާސީ އިންތިޚާބު ބާއްވާނެއެވެ. ނޮވެމްބަރު ފަހެެއްގައެވެ. ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކީ މިހާރުގެ ރައީސް ޖޯ ބައިޑެންއެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ ބޭފުޅަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އިންތިޚާބު ބާއްވަން ދެންއޮތީ އެންމެ ފަސްމަހެވެ. މުއްދަތު ވަރަށް ކުޑަވެއްޖެއެވެ. އެހެންނަމަވެސް ޑޮނަލްޑް ޓްރަމްޕުގެ ކެންޑިޑެސީއަށްވާނެ ގޮތެއް އަދިވެސްއޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެމެރިކާގައި މީގެކުރިން އެއްވެސް ކެންޑިޑޭޓަކާމެދު ކަންހިނގާފައިނުވާ މަގަކުން ޓްރަމްޕާމެދު ކަންކަން ވެފައިވާތީއެވެ. އަދި ވަމުންދާތީއެވެ. ޓްރަމްޕުގެ މައްޗަށް ޖިނާއީކުށްތަކެއް ސާބިތުވާ ކަމަށް ހުސްވި ހަފުތާ ތެރޭގައި އެމެރިކާގެ ކޯޓަކުން ވަނީ ނިންމައިފައެވެ. ރަސްމީކޮށް ހުކުމްއިއްވުން އޮތީ ކުރިއަށްއޮތް ޖުލައި އެގާރައިގައެވެ. ހުކުމަކީ ކުށްވެރިވުމެވެ. އެކަން އެއޮތީ ޔަގީންވެފައެވެ. މިވަގުތު ނޭނގޭ އެއްޗަކީ އަދަބުގެ ކުޑަބޮޑުމިނެވެ.
ޓްރަމްޕަށް ޖަލުހުކުމެއް އަތުވެދާނެއެވެ. ބޮޑު ޖޫރިމަނާއެއް އަތުވެދާނެއެވެ. އުމުރުގެ ދޮށިކަމާއި ސިއްހަތުގެ ދެރަވަރުކަމަށް ބަލައިފައި އިންޒާރަކުންވެސް ނިމިދާނެއެވެ. ޖަލަށް ނުވަދެ އަދި ޖޫރިމަނާއެއްވެސް ނުދައްކައި ސަލާމަތް ވެދާނެއެވެ. އެކަމަކު މީހާ އެހެރީ ކުށްވެރިވެފައެވެ. ސާބިތުވީ އެއްކުށެއް ދެކުށެއް ނޫނެވެ. ޖުމްލަ ތިރީސްހަތަރު ކުށެއް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ. މިއީ އެމެރިކާގެ ތާރީޚުގައި އައު ދެ ރިކޯޑެއް ގާއިމުވެގެންދިޔަ ނިންމުމެކެވެ. އެމެރިކާގެ ރައީސްކަންކޮށްފައިވާ މީހުންގެ ތެރެއިން އޭނާއަކީ ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ މީހާއެވެ. ބޮޑު ޕާޓީއެއްގެ ރިޔާސީ ޓިކެޓްގައި ވެރިކަމަށްވާދަ ކުރާ ފުރަތަމަ މުޖުރިމް ކެންޑިޑޭޓެވެ. ދެންވާނީ ކިހިނެއްބާވައެވެ. މިވީގޮތުން ޓްރަމްޕަށް ކުރިމަތިލެވޭނެ ބާވައެވެ. އެމެރިކާގެ ގާނޫނުތަކާއި އުސޫލުތައް ރިއާޔަތްކުރާ ގޮތަކީ ކޮބައިހެއްޔެވެ. މިކަމާގުޅުންހުރި މުހިންމު ނުގުތާތަކަށް ބަލައިލަމާބަހީއެވެ.
އެމެރިކާގެ ގާނޫނުއަސާސީ ފަރުމާކުރެވިފައިވާ ގޮތުން މީހަކަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ހާލަތްތައް ވަރަށް މަދެވެ. އުމުރުން ތިރީސްފަސް އަހަރު ފުރިފައިވުމާއި އެމެރިކާއަށް އުފަން އެމެރިކާގެ ރައްޔިތަކަަށްވުމާއި އެންމެ މަދުވެގެންވެސް ސާދައަހަރު އެމެރިކާގައި ދިރިއުޅެފައިވުމަކީ އަސާސީ ޝަރުތުތަކެވެ. މި ޝަރުތުތައް ފުރިހަމަވަންޏާ ޑިސްކޮލިފައިކުރެވޭނެ ގޮތެއް އަމްދުން ނުވެސްއޮވެއެވެ. ބަރިބަރިއަށް ކުށްސާބިތުވެ ޖަލުހުކުމާއި މަރުގެ ހުކުމް އިއްވުނަސްމެއެވެ. އެހެންވީމާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ވާދަކުރެވޭނެއެވެ. ޖަލުގައި ހުރެގެންވެސްމެއެވެ. މިވެނި އެވެނި ކަހަލަ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒުކޮށް ނިމުނުތާ އެވެނި މުއްދަތެއް ފާއިތުވުމުން ނޫނީ މިވެނި ކަހަލަ އިންތިޚާބެއްގައި ވާދަނުކުރެވޭނެ ކަމަށް ބުނާ ގާނޫނެއް ނެތެވެ. މިކަމާގުޅޭގޮތުން ޓްރަމްޕުގެ ވަކީލު ވަނީ ވާހަކަވެސް ދައްކައިފައެވެ. އޭނާ ބުނެފައިވަނީ ޖަލަށްލެވުނަސް ޓްރަމްޕު ވާދަކުރާނޭ ކަމުގައެވެ. އޭނާގެ ކެންޑިޑެސީއާމެދު ގޮތް ނިންމާނީ ވޯޓުލާން ނުކުމެ ރައްޔިތުން ކަމުގައެވެ.
ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން ޓްރަމްޕުގެ މައްޗަށް ތިރީސްހަތަރު ކުށެއްވަނީ ސާބިތުވެފައެވެ. މީގެތެރޭގައި ހިމެނެނީ ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ މައްސަލަތަކެވެ. މާރާމާރީއާއި ޓެރަރިޒަމެއް ނުހިމެނެއެވެ. އެކަމަކު ސާބިތުވި ކުށްތަކަށް ބަލާއިރު ކޮންމެ ކުށަކަށް ހަތަރު އަހަރުގެ ޖަލުހުކުމެއް އިއްވިދާނެއެވެ. ހުރިހާ ކުށެއް ޖުމްލަކޮށްލައިގެން 136 އަހަރުގެ ހުކުމެއްވެސް އިއްވިދާނެއެވެ. އެކަމަކު ތަފާތު އެކިކަންކަމަށް ބަލައިފައި ޓްރަމްޕުގެ މައްޗަށް ޖަލުހުކުމެއް އިއްވުން ވަރަށް ދުރެވެ. އޭނާއަކީ އެމެރިކާގެ ކުރީގެ ރައީސެކެވެ. މަރުދުވަހާ ހަމައަށް އޭނާއަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުން އެމެރިކާގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރެއެވެ. މީގެ މާނައަކީ ޓްރަމްޕާއެކު އެމެރިކާގެ ސީކްރެޓް ސާރވިސްގެ ދިހަބާރަ އޮފިސަރުންވެސް ޖަލުގައި ތިބުން ލާޒިމުވުމެވެ. ކޮންމެކަހަލަ ކުށެއް ސާބިތުވިއަސް ކުރީގެ ރައީސުންގެ އިނާޔަތާއި ހިމާޔަތާއި އިމްތިޔާޒުތައް ނިގުޅައިގަނެވޭނެ ގާނޫނެއް ނޯންނާތީއެވެ.
ހުކުމެއް ތަންފީޒުކުރަމުން ދިއުމަކީ ކެންޑިޑެސީ ބާތިލްވާ ކަމަކަށް ނުވަންޏާ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ޓްރަމްޕަށް އެބައޮތެވެ. ޖަލުގައި ހުރެގެން އިންތިޚާބު ކާމިޔާބުކޮށްގެން އަލުން ރައީސްކަމަށް އައިސް ރިޔާސީ މައާފަކުން އަމިއްލައަށް މައާފުދިނުމުގެ ފުރުސަތު އޭނާއަށް އެބައޮތްބާވައެވެ. މިއީވެސް ބޮޑު ސުވާލެކެވެ. ކަމާބެހޭ ތަޖުރިބާކާރުންގެ ރައުޔުގައި ޓްރަމްޕަށް މިކަމެއް ނުކުރެވޭނެއެވެ. އޭނާގެ އަމިއްލަ ކުށެއް ރިޔާސީ މައާފަކުން ފޮހެއެއް ނުލެވޭނެއެވެ. ހުސްވި ހަފުތާގައި ނިއުޔޯކުގެ ކޯޓަކުން ނިންމި ނިންމުމަކީ ޓްރަމްޕާ ދެކޮޅަށް ސަރިޔަތަށް ހުށައެޅިފައިވާ ހުރިހާ މައްސަލަތަކާ ގުޅޭ ނިންމުމެއްވެސް ނޫނެވެ. އެމެރިކާގެ އެތައް ސްޓޭޓެއްގައި އެތައް އެތައް ކޯޓަކުން ޓްރަމްޕުގެ މައްސަލަތައް ބަލަމުން އެބަގެންދެއެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ މައްސަލަތަކާއި ދައުލަތުގެ ބާރުތައް ނުހަމަގޮތުގައި ހިފުމާއި ގާނޫނުއަސާސީގެ ބާރު ކަނޑުވައިލަން އުޅުމުގެ މައްސަލަތައްވެސް ހިމެނެއެވެ. އެ މައްސަލަތަކުގެ ހުކުމްވެސް ކުރިއަށްއޮތީއެވެ.
ދެންއޮތް ސުވާލަކީ ކުށްވެރިވާކަމަށް ކޯޓުން ނިންމީމާ އަދި މުޖުރިމެއްގެ ލަގަބު ލިބުނީމާ ދެން ޓްރަމްޕަށް ވޯޓުދޭނީ ކޮންބައެއް ހެއްޔެވެ. ހުކުމް ތަންފީޒުކުރަމުންދާ ކުށްވެރިއަކު ހޮވަން ރައްޔިތުން ވޯޓުދީފާނެ ހެއްޔެވެ. ޖަވާބުގައި ބުނަންޖެހެނީ އާނއެކެވެ. ޓްރަމްޕަށް ތާއީދުކުރާ ވަރަށް ގިނަބަޔަކު ދެންވެސް ވޯޓުދޭނީ އޭނާއަށެވެ. އެކަމަކު ގާނޫނަށް އިތުބާރުކުރާ އަދި ސިސްޓަމަށް އިތުބާރުކުރާ ވަރަށް ގިނަބަޔަކު އެމީހުންގެ ވިސްނުން ބަދަލުކުރާނެއެވެ. ޓްރަމްޕު ނޫންގޮތެއް އިޚުތިޔާރު ކުރާނެއެވެ. މީގެ މާނަޔަކީ ރިޔާސަތުގެ ދެވަނަ ދައުރެެއް ކާމިޔާބު ކުރެެއްވުމުގެ ފުރުސަތު ރައީސް ޖޯ ބައިޑެންއަށް ބޮޑުވުމެވެ. ދެންއޮތީ ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިއަކަށް އޭނާގެ އަމިއްލަ ވޯޓު ލެވިދާނެކަމާމެދު އުފެދޭ ސުވާލެވެ. ޓްރަމްޕަކީ ފްލޮރިޑާ ސްޓޭޓްގެ ރަށްވެއްސެކެވެ. އޭނާ ކުށްވެރިވާކަމަށް ނިންމީ ނިއުޔޯކްގެ ކޯޓަކުންނެވެ. ނިއުޔޯކުގައި ކުށްވެރިންނަށްވެސް ވޯޓުލެވެއެވެ. އެހެންވީމާ ކޮންމެތާކު ހުއްޓަަަސް ޓްރަމްޕަށް ވޯޓުލުމުގެ ހައްގު އޮންނާނެއެވެ. އެކަކު ވޯޓުނުދިނަސް އަމިއްލަ ވޯޓު އޮންނާނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް