ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކޮށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅައިފިއެވެ.

މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމު މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގައި ބުނަނީ، މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ، އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮތް އެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ. އަދި މިއަދާ ހަމައަށް އޮތީ އެބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފައެވެ.

ނަމަވެސް އެ ބިލު ތަސްދީގު ކުރެއްވުމުގެ ބަދަލުގައި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވައި އެ ބިލާ މެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.

އެކަމާ ބެހޭގޮތުން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއެވެ.

އެސިޓީފުޅުގައި ރައީސް ވިދާޅުވެފައި ވަނީ، މި ބިލަކީ ގޯތިތައް ހަވާލުކުރުން އަވަސްކުރުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެއް ނަމަވެސް، ގޯތި ލިބުނު ކަމަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ގޯތިތައް ހަވާލު ކޮށް، ގޯތީގެ ރަޖިސްޓްރީ ހަދައިދީފައި ނުވަނީ، ގޯތިތައް ކަނޑައެޅުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެއް ހުރުމުންނާއި ހިއްކާފައިނުވާ ސަރަހައްދުތަކުން ބަންޑާރަ ގޯތި ދޫކޮށްފައިވާތީ ކަމަށެވެ.

އޭގެ އިތުރުން ކަމާބެހޭ ގާނޫނާއި ކަމާބެހޭ ގަވާއިދުތަކުން، ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމަކީ ބިމާ ބެހޭ ގާނޫނު ތަސައްވުރު ކޮށްފައިވާ ކަމެއްކަމާ މެދު ސުވާލުއުފެދޭތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިހާރު އޮތް ބިމާ ބެހޭ ގާނޫނު އުވާލެވޭ ގޮތަށް މާ ފުރިހަމަ ބިލެއް ބިމުގެ ބިލުގެ ނަމުގައި މި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިރު، އެބިލް އިސްލާހު ކުރުމަކީ މި ބިލުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްވާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން މި ބިލާމެދު އިތުރަށް ވިސްނެވުމަށް އެ ސީޓީފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ.