އެމްޑީޕީން ބޭނުންވަނީ، އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެންނަން އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާ އެކު ސަރުކާރުންވެސް ކުރިއަށްދިއުން ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އިސްމާއީލެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނޫ"އަށް އިސްލާހު ކުރުމަށެވެ.
މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރު ކުރުމަށެވެ.
އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި މީކާއީލް ބަޔާންކޮށްފައިވަނީ "އިޒެރޭލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެތެރޭގައި އިޒްރޭލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭނެއެވެ،" ކަމަށެވެ.
އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.
އިއްޔެ، ސަރުކާރުގެ ކެބިނެޓުން ވަނީ، އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައި އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލާނެ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއިލް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގެ މައްސަލައިގައި ސަރުކާރުގެ ނިޔަތާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ.
"މިހާރު މިކަން ކުރެވޭނެ ކަމެއްވެސް (އިޒްރޭލު ޕާސްޕޯޓް ބޭންކުރެވޭނެ ކަމެއްވެސް) އަޅުގަނޑުމެންނަށް ނޭނގެ. ޑަބަލްކޮށް މިކަން ކުރުމުގެ ބޭނުމެއް ނެތް. ނިޔަތަކީ އެކަން ކުރުން ކަމަކީ ކަމަށް ވަނީ ނަމަ" މީކާއިލް ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުން ކޮމިޓީ މަރުހަލާގައި ކޮންމެ ބަދަލެއްވެސް ގެނެވިދާނެ ކަމަށާއި އެހެންކަމުން އާ މައްސަލައެއް ހުށަހެޅުމަކީ ބޭނުންތެރިކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އެދެނީ މިހާރު އޮތް މައްސަލައަށް ސަރުކާރުން ތާއީދުކޮށް، އިޒްރޭލު ޕާސްޕޯޓް އަވަހަށް ބޭން ކުރެވޭ ގޮތްވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު