އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ނުވަތަ އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމި ނިންމުމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ބަދަލު ގެންނަން ނިންމައި އެކަމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ކޮމެޓީއެއް ވެސް ވަނީ އެކުލަވާލައިފައި،" އިހުސާން ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ އެ ނިންމުން ރާއްޖޭގެ މީޑިއާތަކުން ގެނެސްދިންތާ އިރުކޮޅެއްގެ ތެރޭގައި އަރަބި ގައުމުތަކުގެ ނޫސްތަކުންނާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކުން އެ ހަބަރު ވަނީ ކަވަރުކޮށްފައެވެ. އެ ހަބަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ރާއްޖޭގެ ނިންމުމަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށް މަރުހަބާ ކިޔައިފައެވެ.
ގިނަބަޔަކު އިޒްރޭލުގެ ހަބަރުތައް ކިޔުމަށް ވަންނަ އިޒްރޭލުގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިސްރާއީލް" އެ ހަބަރު ގެނެސްދީފައިވާ އިރު، އެ ހަބަރުގެ ސުރުހީގައި ލިޔެފައިވަނީ ގާޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން ދިވެހި ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. ހަމަ އެފަދަ މޭރުމަކުން އެމެރިކާގެ ނޫހެއް ކަމަށްވާ "އޭބީސީނިއުސް.ގޯ. ކޮމް" އިން ވެސް ވަނީ އެ ހަބަރު ކަވަރުކޮށްފައެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ "ލޮސްއޭންޖަލްސްޓައިމް. އެލްއޭޓައިމްސް" އިން ވެސް ވަނީ އެ ހަބަރު ހަމަ އެފަދަ ސުރުހީއެއްގެ ދަށުން ގެނެސްދީފައެވެ.
މަޝްހޫރު ނިއުސް އެޖެންސީއެއް ކަމަށްވާ "އެސޯސިއޭޓެޑް ޕްރެސް (އޭޕީ)" އިން ބުނީ ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އިޒްރޭލު މީހުން ރާއްޖެއިން އެތެރެވުން މަނާކުރުމަށް ނިންމައިފައިވާ ކަމަށެވެ. އޭޕީ ނިއުސްއަކީ ވެސް އެމެރިކާގެ މަޝްހޫރު މީޑިއާއެކެވެ.
އޭޕީ ނިއުސް އަދި އެލްއޭޓައިމްސްއަކީ އެ ނޫސްތަކުގެ ކޮންޓެންޓު އެހެން މީޑިއާތަކަށް ވިއްކާ ބަޔަކަށްވުމުން އެ ހަބަރު ގިނަ ގައުމުތަކެއްގެ ނޫހަށް މިހާރު ވަނީ އަރައިފައެވެ.
އިންޑިއާގައި އެންމެ މަޝްހޫރު އަދި އޭޝިއާގައި ވެސް ފާހަގަކޮށްލެވޭ ނޫހެއް ކަމަށްވާ "ޓައިމްސްއޮފްއިންޑިއާ" އިން ވެސް ވަނީ ގެނެސްދީފައެވެ. "ޓައިމްސްއޮފްއިންޑިއާ" އިން ދިވެހި ސަރުކާރުގެ ނިންމުން ކަވަރުކުރި ހަބަރުގެ ސުރުހީގައި ބުނީ ފަލަސްތީނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ރާއްޖެއިން ވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް އެތެރެނުވެވޭ ގޮތް ހެދުމަށް ނިންމައިފައި ކަމަށެވެ.
އިންޑިއާގެ މަޝްހޫރު އެހެން މީޑިއާއެއް ކަމަށްވާ "ވިއޯން"އިން ބުނީ ރައީސް މުއިއްޒުގެ ހުއްދައާއެކު އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފައިވާ ކަމަށެވެ.
އިޒްރޭލުގެ ނޫހެއް ކަމަށްވާ "އައި24ނިއުސް"އިން އެ ހަބަރު ކަވަރުކޮށް ބުނީ ގާޒާ ހަނގުރާމާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގޮވަމުންދާތީ ދިވެހި ސަރުކާރުން އެކަން އެގޮތަށް ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
މީގެ އިތުރުން އެމެރިކާގެ "އެމްޓީވީ" އިންޑިއާގެ "ސިސާތު" ނޫހުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން ދިވެހި ސަރުކާރުން ނިންމި ހަބަރު ކަވަރުކޮށްފައެވެ. މިސްރުގެ "އަލްގާހިރާނިއުސް"، ލުބާނުގެ "ޑެއިލީބޭރުތު"، ކަޒަކިސްތާނުގެ "އަލްމަސްރިޔަލްސް" އަދި ގަތަރުގެ އަލްޖަޒީރާ ނޫހުން ވެސް ވަނީ ދިވެހި ސަރުކާރުގެ ނިންމުމުގެ ހަބަރު ގެނެސްދީފައެވެ.
ރާއްޖޭގެ ނިންމުމަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ލިބުމުން އިޒްރޭލުން މިއަދު ވަނީ އެ ގައުމުގެ މީހުން ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.
އިޒްރޭލުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނީ އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ދިވެހި ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. އެހެންކަމުން އިޒްރޭލު މީހުންނާއި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން، ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލު ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
"ރާއްޖޭގައި މިހާރު ތިބި އިޒްރޭލުން މީހުން ރާއްޖެއިން ފޭބުމަށް އެދެން. ކަމެއް ދިމާވެއްޖަނަމަ އެހީވާން އުނދަގޫވާނެ،" އިޒްރޭލު ފޮރިން މިނިސްޓްރީން ބުންޏެވެ.
މިދިޔަ އަހަރު އިޒްރޭލުގެ 11،000 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
މީގެކުރިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު