ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާފުށި ބްރާންޗުން ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުގެ މާފުށި ބްރާންޗުން ފުޅާ ކުރި ހިދުމަތްތަކުގެ ތެރޭގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ޑޮލަރު ޖަމާކުރުމާއި ނެގުމާއި ލޯނު އަދި ފައިނޭންސިން އަށް އެދި ހުށަހެޅުމާއި ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތާއި ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އާ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
މާފުށީ ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުއްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާ ކަމަށާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ އެކު ބޭންކިން ހިދުމަތަށް އޮތް ޑިމާންޑްވެސް ބޮޑުވެފައިވާ ކަމަށެވެ.
"މާފުށީގައި އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި ވިޔަފާރިތަކަށް އަދި މިރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިން ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވިއެވެ.
ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 38 ބްރާންޗް ހުރެއެވެ. ސެލްފްސާވިސް ބޭންކިން 86 ސެންޓަރު ހުރެއެވެ. އަދި 143 އޭޓީއެމްގެ އިތުރުން އެ ކުންފުނީގެ، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު