މި ކޮލަމުގައި އެންމެ ފަހުން ޝާއިޢު ކުރެވުނު ލިޔުމުގައި، އަޅުގަނޑު ވާހަކަ ދެއްކީ ޤައުމެއް އަދި ދައުލަތެއްގެ ކުރިއެރުމާއި ތަރައްޤީއަށް ޓަކައި، ހަރުދަނާ މުއައްސަސާތަކުގެ ޟަރޫރަތްތެރިކަމާއި އަހައްމިއްޔަތުގެ ވާހަކައެވެ. އެ ވާހަކަޔާ ގުޅުވައިގެން، ހަރުދަނާ މުއައްސަސާތަކެއް ބިނާ ކުރާނީ އަދި ދަމަހައްޓައި ތަރައްޤީ ކުރާނީ ކިހިނެއްހެއްޔޭ މި ސުވާލުތަކާ މެދު ވިސްނައިލުން ވެސް ވަރަށް މުހިއްމެވެ. މި ކަހަލަ ލިޔުމެއްގައި، މި ސުވާލުތަކަށް ތަފްޞީލު އަދި ފުރިހަމަ ޖަވާބެއް ދީ، މުއައްސަސާތައް ބިނާ ކުރުމާއި ހިންގުމާ ބެހޭ އިރުޝާދުނާމާއެއް ނުހިމެނޭނެއެވެ. ކުރެވޭނެ ކަމަކީ، އެ މަސައްކަތުގައި ވިސްނުން ބަހައްޓާންވީ އެންމެ މުހިއްމު ކަންކަމަށް އިޝާރާތް ކޮށްލުމެވެ.

އެގޮތުން ވިސްނައިލާ އިރު، އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި ހަރުދަނާ މުއައްސަސާތަކެއް ޤައުމުގައި ބިނާ ކުރުމަށް ޓަކައި މައިގަނޑު ނުވަ ކަމެއް ރަނގަޅަށް ހިނގާން ޖެހެއެވެ. ތިރީގައި މި ބަލައިލަނީ އެ ކަންކަމަށެވެ.

ފުރަތަމަ ކަމަކީ، ދައުލަތުގެ ނިޒާމުގެ ތެރޭގައި ޤާއިމު ކުރެވޭ ކޮންމެ މުއައްސަސާއަކީ ވެސް އެ މުއައްސަސާއެއް ޤާއިމު ކުރުމުގެ ޙަޤީޤީ ބޭނުންތެރިކަން ނުވަތަ ޙާޖަތްތެރިކަން އޮވެގެން އުފައްދާ މުއައްސަސާއަކަށް ވުމެވެ. އުފައްދާން ޖެހޭ މުއައްސަސާއަކަށް ވުމެވެ. ރަނގަޅު ސަބަބުތަކަށް ޓަކައި ވުޖޫދަށް ގެނެވޭ މުއައްސަސާއަކަށް ވުމެވެ. މުޖުތަމަޢާއި ދައުލަތުގެ މުޅި ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގުމާ ބެހޭ ޕްލޭންތަކެއް، ޢިލްމީ އަދި ފަންނީ ދިރާސާތަކުގެ މައްޗަށް އެކުލަވައިލެވި، އެ ނިޒާމުގެ މެޝިނުގައި ކޮންމެހެން ވެސް ހިމެނޭން ޖެހޭ ބައިތަކެއް ކަމަށް ވާ މުއައްސަސާތައް އުފެއްދުމެވެ. މުއައްސަސާއަކުން ކުރާނޭ މަސައްކަތްތަކެއް ޙަޤީޤަތުގައި ވެސް ހުރެގެން މުއައްސަސާތައް އުފެއްދުމެވެ.

މި ދެންނެވި ގޮތުގެ މަތީން މުއައްސަސާއެއް އުފައްދާ އިރު، ދައުލަތުގެ ނިޒާމުގެ މެޝިނުގައި އެ މުއައްސަސާގެ މަޤާމާއި، ދަރަޖަ އާއި، ހައިސިއްޔަތާއި، އެތަނުގެ ބޭނުމާއި މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް، އަދި އެ ތަނުން ޙާޞިލު ކުރާނޭ ލަނޑުދަނޑިތަކާއި ދައުލަތަށް އަދި މުޖުތަމަޢަށް އެތަނުން ކުރާނޭ ލާބައަކީ ކޮބައިކަން ފަދަ އެންމެހައި ކަންކަން ހުންނާން ވާނީ ލިޔުމުން ބަޔާން ކުރެވިފައެވެ. އެތަނުގައި ތިބޭނީ ކޮން ކަހަލަ ޤާބިލިއްޔަތެއް ލިބިގެންވާ ކިހައި ޢަދަދެއްގެ މުއައްޒަފުން ކަމާއި، އެމީހުންގެ މަސައްކަތް ހިނގާނީ ކިހިނެއް ކަމާއި، އެ މަސައްކަތުން ދުވަހުން ދުވަހަށް، ހަފުތާއިން ހަފުތާއަށް، މަހުން މަހަށް، އަދި އަހަރުން އަހަރަށް ޙާޞިލު ކުރެވެމުން ދާނީ ކޮން ލަނޑުދަނޑިތަކެއްކަން ހުންނާނީ އެކަށައެޅިފައެވެ.

މި ދެންނެވި ގޮތުގެ މަތީން މުއައްސަސާތައް އުފެއްދުމުން، ވަކި މީހަކަށް ވަޒީރުކަން ދޭން ވުޒާރާ އުފެއްދުން ނުވަތަ ވަކި ބަޔަކަށް ވަޒީފާ ދޭން ދައުލަތުގެ އޮފީސްތަކާއި ކުންފުނިތައް އުފެއްދުން، ނުވަތަ ސިޔާސީ މަޤުބޫލުކަން ހޯދުމަށް ޓަކައި މުއައްސަސާތައް އުފެއްދުން ފަދަ ގޯސްތަކުން ސަލާމަތް ވެވޭނެއެވެ.

ދެވަނަ ކަމަކީ، ދައުލަތުގެ ނިޒާމުގައި އުފައްދާ ކޮންމެ މުއައްސަސާއަކީ ވެސް ހަރުދަނާ ޤާނޫނީ ވަޘީޤާއަކުން، ހަރުދަނާ ޤާނޫނީ އަސާސެއްގައި، ޤާނޫނުގެ ބާރުގައި އުފައްދާ ތަނަކަށް ހެދުމެވެ. އެ ތަނެއްގެ މަޤާމާއި، ދަރަޖަ އާއި، ހައިސިއްޔަތާއި، ކުރާނޭ މަސައްކަތާއި، އަދާ ކުރާނޭ މަސްއޫލިއްޔަތުތަކާއި، ތަނަށް ލިބިގެންވާ ބާރުތަކާއި އިޚްތިޔާރުތަކާއި، ދެންވެސް މި ބާވަތުގެ އެންމެހައި ކަންތައްތައް، ހަރުދަނާ ޤާނޫނީ އަސާސެއްގެ މައްޗަށް އެކަށައަޅައިފައި ބޭއްވުމެވެ. ތަނުގެ އޮނިގަނޑާއި ތަނުގެ އެތެރޭގެ އިންތިޒާމުތަކާއި އިދާރީ ކަންކަން ހިނގާނޭ ގޮތާ މެދު ޤާނޫނުގައި ލިޔެ ބަޔާން ކުޅައުން ޟަރޫރަތްތެރި ވެގެންވާ އެންމެހައި ކަންކަން، ހަރުދަނާ ޤާނޫނުތަކެއްގައި ލިޔެފައި ބެހެއްޓުމެވެ. ހަމަ އެހެންމެ، ތަނަށް ލިބިދޭންވާ ޤާނޫނީ ޝަޚްޞިއްޔަތު ހެޔޮ ގޮތުގައި ލިބިދީ، ތަނާއި ތަނުގެ މަސައްކަތްތަކާއި މުއައްޒަފުންނަށް ލިބިދޭން ޖެހޭ ޤާނޫނީ ރައްކައުތެރިކަން ވެސް ޤާނޫނުތަކުގެ ވަސީލަތުން ހެޔޮ ގޮތުގައި ލިބިދިނުމެވެ. މި ތަނުގައި "ޤާނޫނު" މި ދަންނަވަނީ ޤަވާޢިދު ވެސް ހިމެނޭ ގޮތުންނެވެ.

ހަރުދަނާ ޤާނޫނީ އަސާސެއްގައި މުއައްސަސާތައް ބިނާ ކުރުމުގެ އެންމެ ފުރަތަމަ ފައިދާ އަކީ، މުއައްސަސާތައް ޤައުމަށާއި ދައުލަތަށް ފައިދާ ހުރި ތަނެއްގެ ގޮތުގައި ޤާއިމު ކުރެވި މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑު ވުމެވެ. މިސާލަކަށް، ގެއެއް އެޅުމުގައި ވެސް، ބިމުގެ މިލްކުވެރިކަމުގެ ކަންކަމާއި، ޢިމާރާތުގެ މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުންތައް ފަދަ ޤާނޫނީ ކަންކަން ރަނގަޅަށް ފުރިހަމަ ކުރުމަށް ފަހު، ގެ ޢިމާރާތް ކުރުމުން، ދިމާ ވާ މައްސަލަތައް މަދު ވާނެއެވެ. މައްސަލައެއް ދިމާ ވުމުން، ކަމާބެހޭ އެކިއެކި މީސްމީހުންގެ ޙައްޤުތައް ދެނެގަތުމާއި، ރައްކައުތެރި ކުރުމުގެ ކަންކަން ހަރުދަނާ ވާނެއެވެ. އެއާއެކު، އަޅުގަނޑުމެން ހަނދާން ކުރާން ޖެހޭ ކަމަކީ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ މަތީގައި، މުއައްސަސާތައް ބިނާ ކުރުމުން، މުއައްސަސާތަކަކީ ދެފުށް ފެންނަ (transparent) ގޮތަށް ހިންގޭ، ޖަވާބުދާރީ ކުރުވެނިވި (accountable) ތަންތަން ކަމުގައި ވާނޭކަމެވެ. މިއީ ހަރުދަނާ މުއައްސަސާއެއްގައި ހުރުން ކޮންމެހެން ލާޒިމު ސިފައެކެވެ.

މުއައްސަސާތަކަކީ އިޖުތިމާޢީ އަދި ޤައުމީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށް އުފައްދާ ތަންތަން ކަމުގައި ވާހިނދު، އެއްވެސް މުއައްސަސާއެއް ހަރުދަނާ ގޮތެއްގައި ބިނާ ކުރެވޭނީ، އެ ތަން ބިނާ ކުރުމުގައި އެ ތަނުގެ މަސައްކަތުގެ ދާއިރާއިން ޤައުމުގައި ތިބި އެންމެ ޢިލްމީ، އެންމެ ތަޖުރިބާކާރު، އެންމެ ޤާބިލު ފަންނީ މީހުންގެ ލަފަޔާއި މަޝްވަރާގެ މައްޗަށް ކަން ކޮށްގެންނެވެ. މުއައްސަސާތައް ބިނާ ކުރުމުގެ ނިންމުމަކީ ޢާއްމު ގޮތެއްގައި ޤާނޫނު ހަދާ މަޖިލހުން، ނުވަތަ ތަންފީޛީ ބާރުގެ ފަރާތުން ނިންމާ ނިންމުމެކެވެ. އެހެންކަމުން، އެ ނިންމުން ނިންމާން ތިބޭނީ ސިޔާސީ މީހުންނެވެ. ގޯސް ވަނީ، ސިޔާސީ މީހުން އެ ނިންމުން ނިންމުމުގައި އެމީހުންގެ ސިޔާސީ ވިސްނުމުގެ މައްޗަށް ޢަމަލު ކުރުމުންނެވެ. މުއައްސަސާތައް އުފެއްދުމުގައި ރިޢާޔަތް ކުރާ ހަމައެކަނި ނުވަތަ މައިގަނޑު ކަމަކީ، ޝަޚްޞީ ސިޔާސީ މަޤްޞަދުތައް ޙާޞިލު ކުރުން ކަމުގައި ވުމުންނެވެ.

އޭގެ ބަދަލުގައި، މުއައްސަސާއެއް ޤާއިމު ކުރުމުގައި ކަމާބެހޭ ޢިލްމީ އަދި ފަންނީ ތަޖުރިބާކާރުގެ ލަފަޔާއި އިރުޝާދު ހޯދުމުން، އުފައްދާން އުޅޭ މުއައްސަސާ އަކީ ބޭނުންތެރި ތަނެއްތޯ ނުވަތަ ނޫންތޯ ދެނެގަނެވޭނެއެވެ. އެފަދަ މުއައްސަސާއެއް ނެތުމުން، މުޖުތަމަޢަށް ލިބޭ ގެއްލުމަކީ އަދި އިޖުތިމާޢީ ނިޒާމުގައި ހުރި އުނިކަމަކީ ކޮބައިކަން ދެނެގަނެވޭނެއެވެ. އައު މުއައްސަސާއެއް އުފެއްދުމުގެ ބަދަލުގައި، މިހާރު ވެސް ހުރި މުއައްސަސާއެއްގެ ތެރެއިން، ކުރާން ޖެހިފައި އޮތް މަސައްކަތްތައް ކުރެވިދާނެތޯ ނުވަތަ ނޫންތޯ ފަދަ ސުވާލުތަކަށް ހަރުދަނާ ޖަވާބު ހޯދޭނެއެވެ. އުފައްދާ އައު މުއައްސަސާއިން ކުރާނޭ މަސައްކަތަކީ، އަދި އެތަނަކުން މުޖުތަމަޢަށް ކުރާނޭ ފައިދާތަކަކީ ކޮބައިކަން ދެނެގަނެވޭނެއެވެ. އެ މުއައްސަސާއެއްގެ ލަނޑުދަނޑިތަކަކީ ކޮބައިކަން ހަރުދަނާ ގޮތެއްގައި ކަނޑައެޅި ބަޔާން ކުރެވޭނެއެވެ. އެ މުއައްސަސާއެއް ޖަވާބުދާރީ ކުރުވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ. އެތަނަށް ހަރުދަނާ މުއައްޒަފުން ހޯދުމާއި، އެ މުއައްޒަފުންގެ މަސައްކަތް ކުރިއަރުވައި ތަރައްޤީ ކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ. ހަމަ އެހެންމެ، ޢިލްމީ އަދި ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މައްޗަށް މުއައްސަސާއެއްގެ ބިންގާ އެޅުމުން، އެ މުއައްސަސާ ހެޔޮ ގޮތުގައި ޤާއިމު ކުރެވި ތަރައްޤީ ވެގެން ދިޔުމަށް މަގުފަހި ވާނެއެވެ.

ހަރުދަނާ މުއައްސަސާއެއް ޤާއިމު ކުރުމުގެ ވެސް، އަދި މުއައްސަސާއެއް ހަރުދަނާ ގޮތުގައި ދަމަހައްޓައި ތަރައްޤީ ކުރުމުގެ ވެސް އެންމެ މައިގަނޑު އެއް އުންސުރަކީ ޤާބިލު އަދި ރަނގަޅު މުއައްޒަފުންނެވެ.

މީގެ އެތައް ޤަރުނެއް ކުރީން، މުސްލިމުންގެ މަތިވެރި ޢިލްމުވެރިޔާ އިބްނު ޚަލްދޫންގެ މަޝްހޫރު މުޤައްދިމާގައި، ޤައުމެއްގެ އިސް މަޤާމުތަކަށް ތަންދޮރު ނުދަންނަ މީހުންނާއި ކަމަށް ޤާބިލު ނޫން މީހުން ލުމުގެ ނަތީޖާ އަކީ މުޖުތަމަޢު ފޭލި ވެ ތަން ހަލާކު ވެދިޔުން ކަން ތަފްޞީލުކޮށް ވިދާޅުވެދެއްވިއެވެ. މިއަދުވެސް އެ ޙަޤީޤަތް އޮތީ އެ ގޮތުގައެވެ. ޒަމާނާ އެކު ބަދަލު ނުވާ ޙަޤީޤަތަކީ، ދައުލަތެއް ނުވަތަ ޤައުމެއް ނުވަތަ މުޖުތަމަޢެއްގެ އެއްވެސް މުއައްސަސާއެއް، ހަރުދަނާ ގޮތެއްގައި އުފެއްދޭނީ އަދި ދެމެހެއްޓޭނީ، އެ މުއައްސަސާގެ އެކިއެކި މަޤާމުތަކުގައި – ޚާއްޞަކޮށް އިސް މަޤާމުތަކުގައި – ޤާބިލު މީހުން ތިބެގެން ކަމެވެ.

ޤާބިލު މީހުންނަކީ އެ މުއައްސަސާއެއްގެ މަސައްކަތުގެ ދާއިރާއިން ޢިލްމު ހުންނަ މީހުންނެވެ. ފަންނީ އަދި އިދާރީ ހުނަރުވެރިކަން ހުންނަ މީހުންނެވެ. ޤިޔާދަތުގެ ހުނަރާއި ސިފަތައް ހުންނަ މީހުންނެވެ. ޢަދުލުވެރި ގޮތުގައި މުއައްޒަފުން ގޮވައިގެން ނުވަތަ މުއައްޒަފުންނާ އެކު އުޅޭން ދަންނަ މީހުންނެވެ. މަސައްކަތުގެ އަޚްލާޤު ރަނގަޅު، ނަޒާހަތްތެރި، ހަރުދަނާ މީހުންނެވެ. މުއައްސަސާގެ އިސް މަޤާމުތަކަށް ނަމަ، ދިގު މުއްދަތެއްގައި އެ ދާއިރާއެއްގައި މަސައްކަތް ކޮށް ތަޖުރިބާ ޙާޞިލު ކޮށްގެން ތިބޭ ހަރު މީހުންނެވެ. މި ދެންނެވި ފަދަ ޤާބިލު މީހުން މުއައްސަސާގެ އެކިއެކި މަޤާމުތަކަށް ލުމާ އެކު، މުއައްޒަފުންގެ ކަންކަން ރޭވި އިންތިޒާމު ވެފައި އޮންނާން ވާނީ، ތަނުގެ މުއައްޒަފުން ތަން ދެކެ ލޯބި ވާނޭ ގޮތަށެވެ. ތަނުގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަމާއި އިރާދާ އެމީހުންގެ ކިބައިގައި ދެމިހުންނާނޭ ގޮތަށެވެ. ތަނަކީ ތިމާމެންގެ އިންސާނީ ކަރާމާތާއި ޝަރާފަތާ އެކު މަސައްކަތް ކުރެވޭ ފަދަ މާޙައުލެއް އޮތް، އިޙްސާންތެރިކަމުގެ ބިންގަލުގެ މަތީގައި ބިނާ ކުރެވި ހިންގޭ ތަނަކަށް ވާން ވެސް ޖެހެއެވެ. މި ކަންކަން ފުރިހަމަ ނުވަންޏާ، މުއައްސަސާއެއް ހަރުދަނާ ގޮތެއްގައި ހިނގާނޭ ގޮތެއް ނޯންނާނެއެވެ. ތަނުގެ އިދާރީ ނިޒާމާއި، ފަންނީ ކަންކަމާއި، މަސްއޫލިއްޔަތު އަދާ ކުރުމުގެ އެއްވެސް ކަމެއް ފުރިހަމަ ގޮތެއްގައި ނުހިނގާނެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިދިޔަ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި މުއައްސަސާތަކަށް ޖެހިފައި ވާ އެންމެ ބޮޑު އެއް ބައްޔަކީ، ސިޔާސީ ޕާޓީތަކުގެ މަޞްލަޙަތުތަކާ އެއްގޮތަށް އެ ތަންތަނަށް މުއައްޒަފުން ލުމާއި ވަކި ކުރުމުގެ ކަންތައްތައް ހިނގުމުގެ ބައްޔެވެ. މީގެ ސަބަބުން، ރާއްޖޭގެ އެންމެހައި މުއައްސަސާތަކެއް ހެން ވަނީ ވައު ވެފައެވެ. އެ ތަންތަނަށް މުއައްޒަފުން ލާނޭ ޢަދަދު ކަނޑައަޅަނީ ސިޔާސީ ޕާޓީތަކުގެ މަޞްލަޙަތުތަކާ އެއްގޮތަށެވެ. ލާނީ ކޮން ބައެއްކަން ކަނޑައަޅަނީ ސިޔާސީ ޕާޓީތަކުން ބޭނުންވާ ގޮތަށެވެ. ވެރިކަމުގައި އޮންނަ ޕާޓީ ނުރުހެންޏާ، މުއައްސަސާތަކުގައި ޤާބިލު ބަޔަކަށް ވެސް ތިބެވޭ ގޮތެއް ނެތެވެ. ޤާބިލު މުއައްޒަފުން ތިއްބައި، އެމީހުންގެ މައްޗަށާއި ދެ ފަރާތަށާއި ތިރިޔަށް، ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ލެވި، އޭގެ ސަބަބުން ޤާބިލު މުއައްޒަފުންގެ ކިބައިން މަސައްކަތް ކުރުމުގެ ރޫޙު ނެތިދެއެވެ. އެހެންކަމުން، ރާއްޖޭގައި މުއައްސަސާތައް ހަރުދަނާ ކުރުމަށް ޓަކައި އަޅާން ޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، ޤާބިލިއްޔަތު ނެތް ސިޔާސީ އެކްޓިވިސްޓުންނާއި، ނެޕޮޓިޒަމުގެ ތެރެއިން މުއައްސަސާތަކަށް ލެވޭ މީހުންގެ ނުބައި ވަބާއިން މުއައްސަސާތައް މުޅީން ސާފު ކުރުމެވެ.

މީގެ އިތުރުން ވެސް، މުއައްސަސާގެ ތެރެއިން ހަރުފަތަކަށް ފަހު ހަރުފަތެއް ކުރި އަރަމުން ތަރައްޤީ ވަމުން ގޮސް ތަނުގެ އިސް މަޤާމުތަކާ ހަމަޔަށް މުއައްޒަފުން ދިޔުމުގެ ސަގާފަތެއް އުފެއްދުމާއި، ތަނުގައި ތިބޭ މުއައްޒަފުންނަށް އަބަދުވެސް އިތުރު ތަމްރީނާއި ހުނަރުތައް ދަސް ވާނޭ މަންސަތައް ޤާއިމު ކުރުމާއި، އެހެނިހެން ޤައުމުތަކުގައި ހުންނަ އެއް ކަހަލަ މުއައްސަސާތަކަށް ޒިޔާރަތް ކޮށްލައި އިތުރު ތަޖުރިބާ އާއި ޢިލްމު ހޯދުމުގެ މަގުފަހި ކުރުމާއި، ދޭތެރެދޭތެރެއިން ޤާބިލު ޒުވާން ކުދީން ޓީމަށް އިތުރު ކުރުމާއި، މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ހަރުދަނާ އަދި ޢަދުލުވެރި ގޮތެއްގައި ބެލޭނޭ ފަދަ ކަންކަމަކީ، ހަރުދަނާ މުއައްސަސާއެއް ބިނާ ކުރުމަށް ޓަކައި މުހިއްމު ކަންކަމެވެ. މި ކަންކަން ފުރިހަމަ ވެގެން ނޫނިއްޔާ، ޤާބިލު އަދި އިޖުތިމާޢީ ޟަރޫރަތްތަކަށް އީޖާބުވެރި މުއައްސަސާއެއް ބިނައެއް ނުކުރެވޭނެއެވެ.

ހަރުދަނާ މުއައްސަސާއެއް ބިނާ ކޮށް ދެމެހެއްޓުމަށް، އަދި މުއައްސަސާތައް ތަރައްޤީ ކޮށް ކުރި އެރުވުމަށް ޓަކައި ބޭނުން ވާ އެންމެ މުހިއްމު އެއް ކަމަކީ، ތަނަށް ބޭނުން ވާ އެކިއެކި ވަސީލަތްތައް ހޯދައިދިނުމެވެ. ޢިމާރާތާއި ފަރުނީޗަރާއި އައިސީޓި ވަސީލަތްތަކުން ފެށިގެން ގޮސް، ތަނުގެ މަސައްކަތާ ގުޅޭ ޢިލްމީ އަދި ފަންނީ ވަސީލަތްތައް ފުރިހަމަޔަށް ލިބުމަކީ، މުއައްސަސާއެއްގެ ކާމިޔާބީއަށް ޟަރޫރީ ބަހާއެކެވެ. ޢިލްމީ އަދި ފަންނީ ވަސީލަތްތަކޭ މި ދަންނަވަނީ، މުއައްސަސާގެ މަސައްކަތާ ގުޅޭ ޢިލްމީ ފޮތްތައް ފަދަ ތަކެއްޗަށެވެ. ހަމައެޔާއެކު، ތަނުގެ މަސައްކަތްތަކުގެ ރިކޯޑު ފުރިހަމަޔަށް ބެލެހެއްޓި، އަރުޝީފު ކުރެވޭނެ ވަސީލަތްތައް ވެސް ތަނުގައި ޤާއިމު ކުރެވިފައި ހުންނާން ޖެހެއެވެ. ރައްކައުތެރި ކޮށް ބެލެހެއްޓޭ ރިކޯޑުތަކުގެ ވަސީލަތުން މެނުވީ، މުއައްސަސާގެ ތާރީޚު ރައްކައުތެރިއެއް ނުކުރެވޭނެއެވެ. ތާރީޚެއް ނެތް މުއައްސަސާއެއް، ހަރުދަނާ އަދި މީހުން އިތުބާރު ކުރާ މުއައްސަސާއަކަށެއް ނުވާނެއެވެ.

ވަސީލަތްތަކާ ގުޅޭގޮތުން ފާހަގަ ކުރާން ޖެހޭ އަނެއް ކަމަކީ، ވަސީލަތްތައް ހޯދުމާއި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމުގެ މުހިއްމުކަމެވެ. އިސްރާފުގެ ސަގާފަތެއް މުއައްސަސާއެއްގައި ޤާއިމު ވުމަކީ ވެސް، ތަނުގައި ކަތުރުފަނި އެޅުން ކަހަލަ ކަމެކެވެ. އޭގެ ސަބަބުން އިސާހިތަކު އެހެން އެތައް ކަމެއް ގޯސް ވާތަން އަތުވެދާނެއެވެ. ވީމާ، ހަރުދަނާ ގޮތެއްގައި މުއައްސަސާއެއް އުފައްދައި ތަރައްޤީ ކުރެވޭނީ، ތަނުގެ ބަޖެޓާއި، ތަނަށް ހޯދާ އެކިއެކި މާއްދީ އަދި ފަންނީ ވަސީލަތްތަކުގައި އިސްރާފު ނުކުރުމުގެ މަގު އިޚްތިޔާރު ކޮށްގެންނެވެ. މުއައްސަސާތަކަށް ވަސީލަތްތައް ހޯދުމާއި ވަސީލަތްތައް ބޭނުން ކުރުމުގައި އިސްރާފު ކުރުމަކީ، މުއައްސަސާތަކުގެ ޤަދަރާއި އިތުބާރު މީސްތަކުންގެ ކުރިމަތީގައި ވެސް ގެއްލިދާ ކަމެއްކަން ފާހަގަ ކުރަމެވެ.

ދެން އޮތް ކަމަކީ، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނާން ޖެހޭ ގުޅުންތެރިކަމާއި ވިލަރެސްވެރިކަމެވެ. ދައުލަތުގެ މުއައްސަސާތަކަކީ މައިގަނޑު އެއް އަމާޒަކަށް މަސައްކަތް ކުރާ، އެއް ނިޒާމެއްގެ ތެރޭގައި ހިމެނޭ ތަފާތު އުންސުރުތަކެއް ކަމުގައި ވާއިރު، އޭގެ ތެރެއިން ކޮންމެ މުއައްސަސާއެއް ވެސް ކާމިޔާބުކަމާ އެކު ހިންގޭނީ އަދި ތަރައްޤީ ކުރެވޭނީ، އެހެން މުއައްސަސާތަކުގެ ފަރާތުން ޤަދަރާއި އިޙުތިރާމާއި އެއްބާރުލުން ލިބިގެންނެވެ.

މި ނުކުތާގައި ވާހަކަ ދައްކާ އިރު، މި ޒަމާނުގެ ދުނިޔޭގެ ކަންކަން ހިނގާ މަގުން، ޤައުމެއްގެ މުއައްސަސާތަކާއި ބައިނަލްއަޤުވާމީ އެކިއެކި ފަރާތްތަކާ މެދު އޮންނާން ވާ ގުޅުންތަކަކީ ވެސް މުހިއްމު ކަމެއްކަން ފާހަގަ ކުރަމެވެ. އާދެ، މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ މުއައްސަސާތައް ކުރިއަރައި ތަރައްޤީ ވެގެން ދިޔުމުގައި، ކަމާބެހޭ ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކާއި، ބައެއް ފަހަރުފަހަރު އެހެން ބައެއް ޤައުމުތަކުގެ މުއައްސަސާތަކާ ގުޅުން ބަދަހި ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމަކަށް ވަނީ ވެފައެވެ.

ހަރުދަނާ ގޮތުގައި މުއައްސަސާއެއް ހިންގައި ތަރައްޤީ ކުރުމަށް ޓަކައި އެންމެ މުހިއްމު އެއް ކަމަކީ، ތަނުގެ ރިކޯޑުތައް ފުރިހަމަޔަށް ލިޔެވި ރައްކައު ކުރެވިފައި ހުރުމެވެ. ކޮންމެ މުއައްސަސާއެއްގައި ވެސް، އެ ތަނެއްގައި ކުރާ މަސައްކަތްތަކާއި ހިނގާ ކަންކަން ދުވަހުން ދުވަހަށް ޔައުމިއްޔާ ކުރެވޭން ވާނެއެވެ. އެ ޔައުމިއްޔާތައް ހަފުތާއިން ހަފުތާއިން، މަހުން މަހުން، އަހަރުން އަހަރުން ތަރުތީބު ކުރެވި ފައިލު ކުރެވިފައި ހުންނާން ވާނެއެވެ. އޭގެ މައްޗަށް އަހަރީ ރިޕޯޓުތައް ރަނގަޅަށް ލިޔެވިފައި ހުންނާން ވާނެއެވެ. އެ ރިޕޯޓުތަކުގައި ދުވަހު ޔައުމިއްޔާއާ އެކު، ތަނުގެ މަސްއޫލިއްޔަތު އަދާ ކުރުމާއި ލަނޑުދަނޑިތަކާ ހަމަޔަށް ވާޞިލު ވުމުގައި ޙާޞިލު ކުރެވޭ ކަންތައްތައް ވެސް ފަހުން ބަލާ ބަޔަކަށް ރީތިކޮށް އެނގޭ ގޮތަށް ލިޔެވި ބަޔާން ކުރެވިފައި ހުންނާން ވާނެއެވެ. އެ ރިކޯޑުތަކުން، މުއައްސަސާއަށް ދިމާ ވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަންނާން ކުރެވޭ މަސައްކަތް ފަދަ ކަންކަން ވެސް ރަނގަޅަށް ސާފު ވާން ވާނެއެވެ.

މި ގޮތުގެ މަތީން ރިކޯޑުތައް ބެލެހެއްޓި ރައްކައު ކުރެވޭ މުއައްސަސާއެއްގެ މާޟީ ނުވަތަ ތާރީޚު އޮންނާނީ ރީތިކޮށް ފެންނާށެވެ. އެ މާޟީ ނުވަތަ ތާރީޚުގެ ސަބަބުން މުއައްސަސާގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭނެއެވެ. ހަމަ އެހެންމެ، މުސްތަޤުބަލުގެ ރާސްތާ އާއި މުސްތަޤުބަލަށް އަމާޒު ހިފާން ވީ ކަންކަން ވެސް ހަރުދަނާ ގޮތެއްގައި ދެނެގަނެވޭނެއެވެ. މުއައްސަސާގެ "މުއައްސަސީ ހަނދާން" ނުވަތަ "އިންސްޓިޓިޔުޝަނަލް މެމަރީ" ރައްކައުތެރި ކުރުމުގައި ވެސް އެންމެ މުހިއްމު އެއް ބަހާއަކީ މި ދެންނެވި ގޮތުގެ މަތީން ތަރުތީބީ ގޮތެއްގައި ލިޔެވި ބެލެހެއްޓޭ ރިކޯޑުތަކެވެ. އޭގެ އިތުރުން، މުއައްސަސާތަކުގައި ތިބޭ މުއައްޒަފުން ޖަވާބުދާރީ ކުރުވުމާއި އެމީހުންގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ދެނެގަތުމަށް ޓަކައި ވެސް ބޭނުން ކުރެވޭނެ އެންމެ މުހިއްމު އެކައްޗަކީ، ލިޔެވި ބެލެހެއްޓިފައި ހުންނަ ތެދު އަދި ސާފު ރިކޯޑުތަކެވެ.

ޝައްކެއް ނެތް ގޮތުގައި، އެއްވެސް މުއައްސަސާއެއްގައި އަބަދު ތިބޭނީ އެއް ބައެއް ނޫނެވެ. މުއައްޒަފުން ދާނީ ބަދަލު ވަމުންނެވެ. މުއައްޒަފުން ބަދަލު ވުމުގައި ހަރުދަނާ ނިޒާމެއް އޮންނަ ތަނެއްގައި ވިއްޔާ، މުއައްޒަފުން ބަދަލު ވާނީ ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިންނެވެ. ރަނގަޅު ނޫން މުއައްޒަފުން، އޮންނަ އުޞޫލުތަކުގެ ތެރެއިން ވަޒީފާއިން ވަކި ކުރެވެމުން ދާނެއެވެ. ރަނގަޅު މުއައްޒަފުން ވިއްޔާ، ތަނުގައި ތިބެ، ވަޒީފާގެ ކުރިއެރުން ލިބި، ތަނުގެ މުއައްޒަފުންގެ އޮނިގަނޑުގައި ފައްތަރަކަށް ފަހު ފައްތަރަކަށް ޕްރޮމޯޓު ވަމުން ދާނެއެވެ. ރަނގަޅު މުއައްޒަފުން ތަނުން ބޭރު ވާނީ ޢާއްމު އުޞޫލެއްގެ ގޮތުން އެމީހުންގެ ޢުމުރު ވަޒީފާއިން މުސްކުޅި ކުރާ ހިސާބަށް ދިޔުމުންނެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިލާ އިރު، މުއައްސަސާތަކުގެ މުއައްޒަފުން ޢާއްމު ގޮތެއްގައި މިހާރު ބަދަލު ވަނީކީ މި ދެންނެވި ކަހަލަ ހަރުދަނާ އުޞޫލުތަކެއްގެ ތެރެޔަކުން ނޫންކަން ހިތާމަޔާ އެކު ފާހަގަ ކުރާން ޖެހެއެވެ. މިހާރު އޮންނަނީ، އެއިރަކު ބާރުވެރިކަމުގައި ތިބޭ ބަޔަކު ނުރުހޭ މުއައްޒަފުން މުއައްސަސާތަކުން ނެރެ މަގުމަތި ކުރުމާއި، ތަނުގައި ތިބޭ މުއައްޒަފުން ވެސް ތަނަށް އެއްވެސް ލޯތްބެއް ނެތި، އިރުއިރުކޮޅާ ވަޒީފާ ބަދަލު ކުރުން ފަދަ ފަނާކުރަނިވި ސަގާފަތެކެވެ.

ކޮންމެއަކަސް، ހަރުދަނާ ގޮތުގައި މުއައްސަސާއެއް ދެމި އޮތުމަށް ޓަކައި ބޭނުން ވާ އެންމެ މުހިއްމު ކަމަކީ، ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން މުއައްޒަފުން ބަދަލު ވެ އައު ވުމުގެ ކަންތައްތައް ހިނގުމާ އެކު، މުއައްޒަފުން ބަދަލު ވާ އިރަށް ތަނުގެ މަސައްކަތުގެ ފަލްސަފާ އާއި ލަނޑުދަނޑިތަކާއި މުއައްސަސީ ސަގާފަތް ފަދަ ކަންކަން ބަދަލު ނުވުމެވެ. ތަނަށް އައު ވެރިޔަކު އަންނަ އިރަށް، ތަނުގެ މުޅި ނިޒާމު އެގޮތް މިގޮތަށް ފުރޮޅި، ތަނުގެ "މުއައްސަސީ ހަނދާން" ނުވަތަ "އިންސްޓިޓިޔުޝަނަލް މެމަރީ" ފޮހެލެވި، ތަން ހިނގާ މިސްރާބު އެގޮތްމިގޮތަށް ނޭނބުރުމެވެ. އައު ވެރިޔަކު އަންނަ އިރަށް، ކުރީގެ ވެރިޔާ ގޯސް ކޮށް އޭނާ ކޮށްފައި ހުރި ހުރިހައި ކަމެއް ނުބައި ކޮށް މުޅީން "އައު މުއައްސަސާއެއް" ބިނާ ކުރުމުގެ މަސައްކަތް ކުރުމުގެ ސަގާފަތް ނުގެންގުޅުމެވެ. އާދޭހެވެ! މީހުން ބަދަލު ވިޔަސް، ހަރުދަނާ ގޮތެއްގައި ތަރައްޤީ ވަމުން ކުރި އަރަމުން އަންނަ މުއައްސަސާއެއް ހިނގާން ވާނީ "ކޮންޓިނިޔުޓީ" އާ އެކު، އެއް ފަލްސަފާއެއްގެ ދަށުން، އެއް މިސްރާބަކަށް ހިނގަމުން އަންނަ ތަނަކަށެވެ. ތަނުގެ ފަލްސަފާ އާއި މިސްރާބާއި މައިގަނޑު ލަނޑުދަނޑިތައް ބަދަލު ވާން ވާނީ، ޒަމާނާ އެކު މުޖުތަމަޢަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކަމަށް ޟަރޫރަތު އުފެދޭ ޙާލަތުގައި އެކަންޏެވެ. އެއީ ކޮންމެ ދެތިން އަހަރަކުން ތަނުގެ ވެރީން މުއައްޒަފުން ބަދަލު ވާ ކޮންމެ ފަހަރަކު ވެގެން ވާނޭ ކަމެއް ނޫނެވެ.

އެއްވެސް މުއައްސަސާއެއްގެ މައްޗަށް، ނާޖާއިޒު އެކިއެކި ނުފޫޒުތައް ފޯރުވޭހައި އަދި ފޯރާހައި ހިނދަކު، އެ މުއައްސަސާ ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތެއް ވެސް ނުކުރާނެއެވެ. ތަރައްޤީއެއް ވެސް ނުވާނެއެވެ. އެ ތަނުގައި އުޅޭ މުއައްޒަފުންގެ ހިތްތަކުގައި ރަނގަޅަށް މަސައްކަތް ކޮށް މުއައްސަސާ ތަރައްޤީ ކުރުމުގެ ޙަޤީޤީ އިރާދާއެއް ވެސް ނުއުފެއްދޭނެއެވެ. އެތަނަކަށް ކަނޑައެޅިފައި ވާ ލަނޑުދަނޑިތަކާއި މަޤްޞަދުތައް ޙާޞިލެއް ވެސް ނުކުރެވޭނެއެވެ. އެތަނަކުން މުޖުތަމަޢަށާއި ޤައުމަށް ކުރާނޭ ފައިދާއެއް ވެސް ނޯންނާނެއެވެ. އާދޭހެވެ! ނުރަނގަޅު އަދި ނާޖާއިޒު ނުފޫޒުތަކުގެ ދަށުގައި ހުންނަ މުއައްސަސާއަކީ، ޤައުމާއި ރައްޔިތުންގެ ވަސީލަތްތަކުން ކުރެވޭ ބޭކާރު ޚަރަދުގަނޑެކެވެ. އެއިރަކު ބާރުވެރިކަމުގައި ތިބޭ ބައެއްގެ އަމިއްލަ އެދުންތަކާއި އަމިއްލަ މަޞްލަޙަތުތައް ޙާޞިލު ކުރާން ގެންގުޅޭ މުޑުދާރު އާލަތެކެވެ. އެފަދަ ތަންތަނުގެ ސަބަބުން ނުކުންނާނޭ އެންމެ ނުބައި އެއް ނަތީޖާއަކީ، ޢާއްމު ގޮތެއްގައި ދައުލަތުގެ އަދި ޤައުމީ މުއައްސަސާތަކަށް މީސްތަކުން ކުރާ ޤަދަރާއި އިތުބާރު ނެތިދިޔުމެވެ.

މުއައްސަސާތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަކީ ވަކި އެއް ބަޔަކު ކުރާ ކަމެއް ނޫނެވެ. ވަރަށް ގިނަ ދިމަދިމާއިން އެ ނުފޫޒު އާދެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ބަޔަކީ، ސިޔާސީ ގޮތުން އެއިރަކު ބާރުވެރިކަމުގައި ތިބޭ ބައެއް ނުވަތަ ބާރު އޮންނަ ސިޔާސީ ޕާޓީތަކެވެ. އަނެއް ބަޔަކީ ޤައުމުގެ ވަސީލަތްތަކާއި މުއްސަނދިކަން ކޮންޓްރޯލް ކުރާ ބޮޑެތި ވިޔަފާރިވެރީންނާއި މުއްސަނދީންނެވެ. އެޔާއެކު، ކަންކަމުގެ ޙަޤީޤަތް ނޭނގި ތިބެ ނުވަތަ ޙަޤީޤަތް ނުބަލައި މުއައްސަސާތަކާ ދިމާ ކޮށް އެއްޗެތި ގޮވާ ޕްރޮޕެގެންޑާ މީޑިއާ ފަދަ ފަރާތްތަކަކީ ވެސް މުއައްސަސާތަކަށް ނުރަނގަޅު ނުފޫޒު ފޯރުވާ ބައެކެވެ. މި އެންމެންގެ ނުރަނގަޅު އަދި ނާޖާއިޒު ނުފޫޒުތަކުން މިނިވަން ވެގެން މެނުވީ، އެއްވެސް މުއައްސަސާއެއް ޤައުމަށާއި ދައުލަތަށް ފައިދާ ހުރި، އަދި ޤައުމު ބިނާ ކޮށްދޭ މުއައްސަސާއެއް ކަމުގައެއް ހަމަހިލާ ނުވާނެއެވެ.

މި ކޮލަމުގައި އެންމެ ފަހުން ޝާއިޢު ކުރެވުނު ލިޔުމުގައި އަޅުގަނޑު ދެންނެވި ފަދައިން، ހަރުދަނާ ގޮތެއްގައި ބިނާ ކުރެވި ހިނގަމުން އަންނަ މުއައްސަސާއެއް ވެސް، ހަލާކު ވެގެން ދިޔުމަށް މެދުވެރި ކުރާ ސަބަބެއް އުފަން ވާ ޙާލަތުގައި އެކަން ވުމަށް ބޭނުން ވަނީ މަދު ދުވަސްކޮޅެކެވެ. އެފަދަ އެއް ސަބަބަކީ، މުއައްސަސާގެ އަބުރު ކަތިލައި، މުއައްސަސާގެ އިތުބާރު ގެއްލުވައިލައި، ތަނުގެ ޤަދަރު ވެއްޔާ މޮޑެލުމަށް ވިޔާނުދާ މީހުން ދައްކާ ވާހަކަތަކާއި ކުރާ ކަންތަކެވެ.

ޝައްކެއް ނެތް ގޮތުގައި، ދައުލަތުގެ މުއައްސަސާތަކުން ޤައުމަށާއި ރައްޔިތުންނަށް އަދާ ކުރާން ޖެހޭ ވާޖިބުތައް އަދާ ނުކުރަންޏާ އެކަމާ މެދު ޝަކުވާ އުފުލުމާއި ފާޑު ކިޔުމުގެ ޙައްޤު ރައްޔިތުންނަށް އޮންނާނެއެވެ. ނަމަވެސް، އެ ކަމަކީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރާން ޖެހޭ ކަމެކެވެ. އެކަން ކުރާން ވާނީ ރިވެތި ސުލޫކާއި ހެޔޮ އަޚްލާޤުގެ އިންތަކުގެ ތެރޭގައި ކުރާ ކަމެއްގެ ގޮތުގައެވެ. ޝަކުވާ ކުރުމާއި ފާޑު ކިޔުމުގައި ވާހަކަ ދައްކާން ވާނީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށެވެ. އެކަމުގައި ދައްކާން ވާނީ ތެދު ވާހަކައެވެ. ޝަކުވާ އުފުލައި ފާޑު ކިޔާން ވާނީ އިޚްލާޞްތެރި ގޮތުގައެވެ. ބިނާ ކުރަނިވި ގޮތުގައެވެ. އިޙްސާންތެރިކަމާ އެކު، ވީހައި ހެޔޮ ބަސްތަކެއް ބޭނުން ކޮށްގެނެވެ. ބޭނުންވާ މިންވަރަށެވެ. އެއްވެސް ޙާލެއްގައި، އަމިއްލަ އެދުންތަކުގައި، ސިޔާސީ މަޤްޞަދުތައް ނުވަތަ އެފަދަ އެހެން ވެސް ނާޖާއިޒު މަޤްޞަދުތަކެއް ޙާޞިލު ކުރުމަށް ޓަކައި، އެއްވެސް ބަޔަކު ޤައުމީ މުއައްސަސާތަކާ ދިމާ ކޮށްގެން ނުވާނެއެވެ. މުއައްސަސާތަކަށް ފާޑު ކިޔުމުގައި، ހީތަކާއި ތުންތުންމަތީން އިވޭހައި ވާހަކަތަކަށް ބުރަ ވެ ހިތުހުރި އެއްޗެއް ކިޔައިގެން ނުވާނެއެވެ. ފަނާ ކުރަނިވި ގޮތެއްގައި ހުތުރު އެއްޗެތި ގޮވުމުގެ މަގު އިޚްތިޔާރު ކޮށްގެން ނުވާނެއެވެ.

މި ދަންނަވާ ވާހަކައިގެ ޢަމަލީ މަންޒަރު، 2003 އިން ފެށިގެން ރާއްޖޭގައި "އިޞްލާޙަށޭ" ކިޔައި މަސައްކަތް ކުރި މީހުން ދައުލަތުގެ އެތަކެއް މުއައްސަސާއެއްގެ އަބުރު ކަތިލައި އެ ތަންތަނުގެ ޙުރުމަތާއި ޤަދަރު ނެތިކޮށްލުމަށް ހިންގި ފަނާ ކުރަނިވި ޙަރަކާތުގެ ތާރީޚު ބެއްލެވުމުން ފެނިވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ދީނީ ޢިލްމުވެރީންނާ ހަމައިން ފެށިގެން ގޮސް ސިފައިންގެއާއި ފުލުހުންގެ އިދާރާ އާއި ކޯޓުތަކާއި ދެންވެސް ދައުލަތުގެ އެންމެހައި ތަންތަނަށް އެ ދުވަސްވަރު ދެވުނު އަބުރު ކަތިލުމާއި އިތުބާރު ގެއްލުވައިލުމުގެ ޙަމަލާތަކުން އެތަންތަނަށް ލިބުނު ގެއްލުން ބަޔާން ނުކުރެވޭހައި ބޮޑެވެ. އައު ޤާނޫނުއަސާސީގެ ދަށުން ޤާއިމު ކުރެވުނު ސުޕްރީމް ކޯޓަށް ވެސް ހެދީ ހަމަ އެހެންނެވެ. މި މަސައްކަތުގައި، ރާއްޖޭގެ ޕްރޮޕެގެންޑާ މީޑިއާގެ ދައުރު ވެސް ވަރަށް ބޮޑުކަން ހިތާމަޔާ އެކު ފާހަގަ ކުރާން ޖެހެއެވެ.

އެހެންކަމުން، ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ގޮތެއްގައި ބިނާ ކޮށް ތަރައްޤީ ކުރެވޭނީ، ބޭއިންޞާފު އަދި ނުބައި ގޮތްގޮތަށް އެ ތަންތަނާ ދިމާ ކޮށް، އެ ތަންތަނުގެ އަބުރު ކަތިލައި، އެ ތަންތަނުގެ ޙުރުމަތް ކަނޑައި، އެތަންތަނުގެ އިތުބާރު ގެއްލުވައިލުމުގެ ނުބައި ސަގާފަތް ނެއްތައިލައިގެންނެވެ. އެކަން ކުރުމުގެ ފުރުޞަތު ސިޔާސީ މީހުންނަށް ވެސް، މީޑިއާއަށް ވެސް، އަދި އެހެން ބަޔަކަށް ވެސް އެއްގޮތަކަށް ވެސް ނުދީ މަސައްކަތް ކޮށްގެންނެވެ. މީހުން ހެއިލުންތެރި ކުރުވުމަކީ އެގޮތުން އަޅާން ޖެހޭ މުހިއްމު ފިޔަވަޅެކެވެ. ހަމަ އެޔާއެކު، ޙަޤީޤަތް ނުބަލައި މުއައްސަސާތަކުގެ އަބުރު ކަތިލައި އިތުބާރު ގެއްލުވައިލާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅައި އަދަބު ދިނުމަކީ ވެސް، ޤައުމު ބިނާ ކުރާން އެދޭ ބަޔަކު ވިއްޔާ ކުރާން ޖެހޭ ކަމެކެވެ. ޤައުމީ އަދި އިޖުތިމާޢީ މުއައްސަސާތަކަކީ މުޖުތަމަޢާއި ޤައުމުގެ ބިންގަލުގެ މުހިއްމު ބައެއް ކަމުގައި، އަދި މުޖުތަމަޢާއި ޤައުމު ދެމިއޮތުމަށް ކޮންމެހެން ބޭނުން އެއް އުންސުރު ނުވަތަ އެއް ބަހާ ކަމުގައި ވާއިރު، އެއްވެސް މީހަކަށް އެ މީހެއްގެ ނާޖާއިޒު އަމިއްލަ އެދުންތަކުގެ އަލާ ފިލުވުމުގެ ގޮތުން އެ ތަންތަނާ ދިމާ ކޮށް ނަފުރަތު އުފެއްދުމުގެ ފުރުޞަތު ދެވިގެން ނުވާނޭކަން ކަށަވަރެވެ.

މިއަދު އަޅުގަނޑުމެންގެ ޤައުމުގައި ކުރާން ޖެހިފައި އޮތް އެންމެ މުހިއްމު އިޞްލާޙީ އެއް މަސައްކަތަކީ، ޤައުމީ އިޖުތިމާޢީ އެކިއެކި މުއައްސަސާތައް ބިނާ ކުރުމެވެ. ހުރި މުއައްސަސާތައް އިޞްލާޙު ކޮށް، އެ ތަންތަން ތަރައްޤީ ކުރުމެވެ. އެތަންތަނަށް ރައްޔިތުންގެ އިތުބާރު ހޯދުމެވެ. ހެޔޮކަމުގެ އަހުލުވެރީން ޤަދަރު ކުރާ ފަދަ ތަންތަނަށް އެ މުއައްސަސާތައް ހެދުމެވެ. އެޔާއެކު، ނުޙައްޤު ގޮތުގައި ޚިޔާލު ފައުޅު ކުރަނީއޭ ކިޔައިގެން ޤައުމީ މުއައްސަސާތަކަށް ޙަސަދަ އާއި ތަޢައްޞުބާއި ސިޔާސީ ވާދަވެރިކަމުގެ އޮށްގާ އުކުމުގެ ނުބައި ސަގާފަތް ނެއްތައިލުމެވެ. މުއައްސަސާތަކުގެ ލީޑަރުކަމަށް ޤައުމު އިޙްތިރާމު ކުރާން ޖެހޭ ފަދަ ޢިލްމީ ގޮތުން ޤާބިލު، ޢުމުރުން ދުވަސް ވެ ހަރު މީހުން ކަމުގައި ވެފައި ވާ، ހެޔޮ ގޮތުގައި ފަންނީ އަދި އިދާރީ ތަޖުރިބާތައް ޙާޞިލު ކޮށްފައި ވާ މީހުން، އިންޞާފުވެރި އަދި އިޙްސާންތެރި ގޮތުގައި ޢައްޔަން ކުރުމެވެ. މި މުހިއްމު ފިޔަވަޅު ނާޅައެއް، ދިވެހި ޤައުމަކަށް އެއްވެސް ކުރިމަގެއް އޮތް ކަމަކަށް ނުފެނެއެވެ. މި ފިޔަވަޅު އެޅިއްޖެއްޔާ، އަވަސް މުސްތަޤުބަލެއްގައި އަޅުގަނޑުމެންގެ ޤައުމު ވެސް، ޖޮސެޕް ބޮރޭލް ވިދާޅުވާ ފަދަ ބަގީޗާއަކަށް ބަދަލު ކޮށްލުމުގެ ދޮރު ތަނަވަސް ގޮތެއްގައި ހުޅުވިގެން ދާނެއެވެ.