ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މޯލްޑިވް ޕްރޯ 2024 ބާއްވާނެ ތާރީހު ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
އައިބީސީން މިއަދުގެ ބޮޑީބޯޑިން ކަލަންޑަރު އެކުލަވާލައި ކުރި ހާއްސަ އިއުލާނުގައި ބުނެފައި ވަނީ ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޕްރޯ މިއަހަރު އޮންނާނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޯލްޑިވްސް ޕްރޯ އޮންނާނީ މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ.
މޯލްޑިވްސް ޕްރޯގައި މިފަހަރުވެސް އޮންނާނީ ފިރިހެން އަދި އަންހެން އޯޕަން ބައިގެ އިތުރުން ޖޫނިއާ ކެޓަގަރީއާއި ޑްރޮޕް ނީ ކެޓަގަރީގެ އިވެންޓްތަކެވެ.
މިއަހަރު ބޮޑީބޯޑިން ވޯލްޑް ޓުއާގައި އައިބީސީން ތާވަލު ކޮށްފައި އިވެންޓްތަކަށް ބަލައިލާ އިރު، އެންމެ ފުރަތަމަ ފަށާނީ މޮރޮކޯގެ މުބާރާތުންނެވެ. އޭގެފަހުން ބްރެޒިލާއި ޗިލީގެ މުބާރާތްތައް ނިންމައި ދެން އޮންނާނީ ރާއްޖޭގެ މުބާރާތެވެ. ރާއްޖޭގެ މުބާރާތަށްފަހު ދެން އިވެންޓް އޮންނާނީ ޕޯޗުގަލްގައެވެ. އެއަށްފަހު އަނެއްކާވެސް ބްރެޒިލްގެ އިވެންޓަކަށްފަހު ނިންމާނީ ސްޕެއިންގެ ގްރޭން ކެނޭރިއާގައި ބާއްވާ ފްރޮންޓިން ކިންގް އިވެންޓުންނެވެ.
މިދިޔަ ދެ އަހަރުވެސް ރާއްޖޭގައި ބޮޑީބޯޑިން ވޯލްޑް ޓުއާ އިވެންޓް މުބާރާތްތައް ކާމިޔާބުކަމާއެކު، ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށް ބާއްވާފައިވެއެވެ. އަދި މުބާރާތުގައި ދިވެހި އެތުލީޓުން ވަނީ ތާރީހުވެސް ލިޔެލައިފައެވެ.
ފުރަތަމަ އަހަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) ޑްރޮޕް ނީ ކެޓަގަރީގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު، ޖޫނިއާ ބައިން އާމިން އުމަރު މޫސާ ވަނީ ފައިނަލަށްވެސް ގޮސްފައެވެ. އަދި އޭގެފަހުން މިދިޔަ އަހަރުވެސް އާމިން ސެމީގައި ވާދަކޮށްފައިވާ އިރު، މިދިޔަ އަހަރު ރާއްޖޭގެ އަލީ ޝާމް ވަނީ ފިރިހެން އޯޕަން ޑިވިޝަންގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ނުވަ ފަހަރު ހޯދާފައިވާ މައިކް ސްޓެވާޓް ބަލިކޮށް ތަފާތު ދައްކައިފައެވެ.
އެއާއެކު، މިދިޔަ އަހަރުގެ މުބާރާތް ތާރީހީ މުބާރާތަކަށްވީ ޑްރޮޕް ނީ ކެޓަގަރީގެ ދުނިޔޭގެ ޗެމްޕިއަންކަން ރާއްޖޭގެ މޯލްޑިވްސް ޕްރޯއިން ޑޭވިޑް ހުބާޑް ޔަގީންކުރުމުންނެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)