މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް މިއަދު ފުރައިފިއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. ރާއްޖެއިން ސައުދީއަށް ހައްޖުވެރިން ދަތުރުކުރަނީ އެ ގައުމުގެ ގައުމީ އެއާލައިން ސައުދިއާއިންނެވެ. ސައުދީއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.
މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާ އިރު، މިއަދު ވަނީ ފުރަތަމަ ގުރޫޕް ފުރައިފައެވެ. އެގޮތުން މިއަދު 296 މީހަކު ވަނީ ހައްޖަށް ފުރައިފައެވެ. އަދި އަންނަ ހޯމަ ދުވަހު އިތުރު 353 މީހަކު އަދި ފަހު ގުރޫޕުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު 339 މީހުން ފުރާނެއެވެ.
މިއަދު ފުރި ހައްޖުވެރިންނާ ބައްދަލުކުރައްވަން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.
ހައްޖަށް ދާ މީހުން މިއަދު ފުރަން ފަށާފައިވާ އިރު، އެޑްވާންސް ޓީމުގައި ހިމެނޭ ދިހަ ބޭފުޅަކާއި ހައްޖާޖީންގެ އިންތިޒާމުތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލި ހައްޖު މިޝަންގައި ހިމެނޭ ބޭފުޅުން ވަނީ މިދިޔަ ހަފުތާގައި ސައުދީއަށް ގޮސްފައެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން "ވަން" އަށް މީގެ ކުރިން ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށާއި އެކަން މި ހަފުތާގައި އެނގޭނެ ކަމަށެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު