މެޗުތައް ގިނަވެ، ކުޅުންތެރިންނަށް ބުރަބޮޑުކަމުން ފުޓުބޯޅައިގެ މައި އިދާރާ، ފީފާއާ ދެކޮޅަށް ހަޅުތާލު ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ދީފިއެވެ.
ޕީއެފްއޭގެ ޗީފް އެގްޒެކެޓިވް، މަހޭތާ މޮލާންގޮ ވިދާޅުވީ ފުޓުބޯޅައިގެ ކަލަންޑަރު މާ ބޮޑަށްވެސް ބުރަ ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންވެސް މިހާރު ތިބީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައި ކަމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް ހޫނު މޫސުމަށް ތާވަލުކޮށްފައިވަ 32 ޓީމުގެ ކްލަބު ވޯލްޑް ކަޕްގެ ސަބަބުން ކުޅުންތެރިންނާއި ކޯޗުންނަށްވެސް ރެސްޓް ކުޑަވެ، ބުރަބޮޑުވާނެ ކަމަށާއި އެހިސާބަށް ކަންކަން ދާއިރު ހައްލެ ނުލިބިއްޖެ ނަމަ ފީފާއާ ދެކޮޅަށް ނުކުންނަން ކުޅުންތެރިން ތައްޔާރު ކަމަށް ޕީއެފްއޭއިން ބުނެފައިވެއެވެ.
ޕީއެފްއޭގެ ޗީފް، މޮލާންގޯ ވިދާޅުވީ ސީޒަން ނިމުމުން ކުޅުންތެރިންގެ މަސައްކަތު ބުރަމިން އަންދާޒާކޮށްލަން ހާއްސަ ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ރިވިއުއިން އެނގުނީ ކުޅުންތެރިން މިހާރު ބައެއް ފަހަރަށް ކުޅެމުންދަނީ ހިތްހަމަ ޖެހިގެން، ކުޅެން ބޭނުންވެގެން ނޫން ކަމަށެވެ. ކުޅުންތެރިންނަކީ މިލިއަނަރުން ނަމަވެސް، އެ ފައިސާ ހަރަދު ކުރަން ވަގުތެއް ނުލިބޭ ކަމަށްވެސް ޕީއެފްއޭއިން ބައެއް ކުޅުންތެރިންނާ ހަވާލާ ދީ ބުންޏެވެ.
ޕީއެފްއޭ އިން ބުނީ ބުރަ ޝެޑިއުލްގެ ވާހަކަ މީގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ދައްކާފައިވާ ކަމަށާއި އެ ވާހަކަތަކުންވެސް ކުޅުންތެރިންނާއި ކޯޗުން ކެތްނުލަވާފައި ތިބިކަން އެނގޭ ކަމަށެވެ. ޕީއެފްއޭއިން މިމަސް ތެރޭގައި ފީފާއާއި ފިފްޕްރޯ އަދި ވޯލްޑް ލީގްސް އެސޯސިއޭޝަނަށް ޝެޑިއުލް ލުއިކުރަން އެދި ސިޓީއަށް ހުށަހަޅާފައިވެއެވެ. އަދި އަލަށް ފަށަން އުޅޭ 32 ޓީމުގެ ކްލަބު ވޯލްޑް ކަޕް ބޭއްވުން ހުއްޓުވަން ގާނޫނީ މަސައްކަތް ކުރާނެ ކަމަށްވެސް ޕީއެފްއޭ އިން ބުނެފައިވެއެވެ.
ޕީއެފްއޭއާއި ފިފްޕްރޯއިން ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބައެއް ކުޅުންތެރިންގެ އަދަދުތައްވެސް ހާމަކޮށްފައިވެއެވެ. އަދި މިހާރު އުމުރުން 21 އަހަރުގެ ޖޫޑް ބެލިންހަމްއާއި ރިޓަޔާކޮށްފައިވާ ޑޭވިޑް ބެކަމްއާއި ފްރޭންކް ލެމްޕާޑުގެ އަދަދުތައް އަޅާކިޔާފައިވެއެވެ. ބެލިންހަމް މިހާރުވެސް ޕްރޮފެޝަނަލް ފުޓުބޯޅައިގައި 18،486 މިނެޓު ކުޅެފައިވާ އިރު، ބެކަމްގެ ކެރިއަރުގައި 20 އަހަރުވީ އިރު، ކުޅުނީ 3،929 މިނެޓުގެ ފުޓުބޯޅައެވެ. އަދި ލެމްޕާޑު 20 އަހަރުވީ އިރު ކުޅެފައި ވަނީ 6،987 މިނެޓްގެ ކުޅުން އެކަންޏެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ