އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
އެ އިސްލާހު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އިސްމާއީލެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނޫ"އަށް އިސްލާހު ކުރުމަށެވެ.
މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރު ކުރުމަށެވެ.
އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި މީކާއީލް ބަޔާންކޮށްފައިވަނީ "އިޒެރޭލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެތެރޭގައި އިޒްރޭލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭނެއެވެ،" ކަމަށެވެ.
އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގައިވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ހިމެނުމަށެވެ.
މީކާއީލް ވިދާޅުވީ އެ އިސްލާހުގެ ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމެވެ. އަދި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ، އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް ނޭނގޭތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން އިސްވެ ބަޔާންކުރާ ފިޔަވަޅު އެޅުން އަވަސްކުރުމުގެ ގޮތުން ކަމަށް މީކާއީލް ވިދާޅުވިއެވެ.
ރައީސް އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައި ހުންނެވި މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ ވަކި ގައުމެއްގެ ޕާސްޕޯޓް، ވަކި ރައްޔިތެއްގެ ސިޓިޒެންޝިޕް ހޮލްޑު ކުރުން އަދި ވަކި ގައުމެއްގެ ރައްޔިތުން ސީދާ ރާއްޖެއަށް އެތެރެވުން މަނާ ކުރެވޭނީ ގާނޫނީ ނިޒާމުގެ ތެރެއިންކަން، ރާއްޖޭގެ ގާނޫނު ބަލައިލުމުން ސާފުވާނެ ކަމަށެވެ. އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގައި ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ހުރިކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރު މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު