ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރަށް އަރަނި ބަޖެޓެއް ހުށަހެޅުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މި އަހަރަށް ފާސް ކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގައެވެ. އެހެންވެ ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުން ކަމަށާއި އެކަމަށް މަސައްކަތްތަކެއްވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ލިބޭ އާމްދަނީގެ ތެރެއިން ހަރަދު އުނިކުރުމުން އޮންނަ ޕްރައިމަރީ ބެލެންސް މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހާ ހަމައަށް 2.6 ބިލިއަން ރުފިޔާ ނެގެޓިވްކޮށް ހުރި ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ޕްރައިމަރީ ބެލެންސް ހުރީ 201 މިލިއަން ރުފިޔާ ނެގެޓިވްކޮށް ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ އެންގުމަކީ އިކޮނޮމީ މެނޭޖު ކުރުމަށް ޕްލޭނެއް ހުށަހެޅުމަށް. އެ ޕްލޭން މިހާރު ވަނީ ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސްޓްރަކްޝަން ދެއްވާފައި، 2028 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ސާޕްލަސް ބަޖެޓެއް ހުށަހެޅުމަށާއި އެ މަސައްކަތް ކުރާއިރު ދަރަނި ސްޓޮކް ވެސް މިހާރަށް ވުރެ ރަނގަޅު ވާނެ ގޮތަކަށް ގެންދެވުމަށް،" ސާއިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަރަނި ބަޖެޓެއް ހުށަހަޅާ އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިހާރު ހުރި 116 ޕަސެންޓުން 125 ޕަސެންޓަށް އުފުލޭނެ ކަމަށް ބެލޭތީ އެ އަދަދު 2018 ވަނަ އަހަރުގެ ނިޔަލަށް 85-80 ޕަސެންޓާ ދެމެދަށް ގެންނަންޖެހޭ ކަމަށެވެ.

ސާއިދު އިތުރަށް ވިދާޅުވީ، އޯވަރޯލް ޑެފިސިޓް މެއި މަހުގެ 16 ވަނަ ދުވަހާ ހަމައަށް 1.8 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހަރަދުވެފައި ހުރި އިރު، މިދިޔަ އަހަރު މި އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގައި ކަމަށެވެ.

އެއީ އަހަރުން އަހަރަށް ބަލާ ނަމަ 2.7 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށާއި ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ މި އަހަރުގެ ތެރޭގައި އިތުރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ 60 ބިލިއަން ރުފިޔާ ބޭސް ލައިންގައި ހަރަދުވާނެ ކަމަށް އަޅުގަނޑުމެންގެ މޮޑެލްތަކުން ފެންނަން ހުރޭ. 17 ބިލިއަން ރުފިޔާގެ އަންމެޓް (ނެތް ފައިސާ ނުވަތަ ހޯދޭނެ ގޮތެއް ޔަގީން ނުވާ) ފައިނޭންސް ކަމަށް ބަޖެޓުގައި ބަޔާންކުރާ އިރު، އެ ފައިސާ ހޯދަން ދަތިވެފައިވާ އިރު އެ އަދަދު 25 ބިލިއަން ރުފިޔާއަށް އުފުލިގެން އައިމަ އެއީ ރައްޔިތުންނަށް އިތުރަށް ދަތިވެގެންދާނެ ކަމެއް،" ސާއިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލީ ހާލަތާ ނުބައްދަލު ހަރަދުކުރާ ނަމަ، އެ ފައިސާ ހޯދަން ޖެހެނީ ޑޮމެސްޓިކް މާކެޓުން ނޫން ނަމަ، އެހެން ގައުމުތަކުން ކަމަށާއި އެކަމަގެ ސަބަބުން ރައްޔިތުންނަށް އޭގެ ބުރަ އުފުލަންޖެހޭ ކަމަށެވެ.