ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރޭގައި އެ ތަނުގެ ދެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި ބިދޭސީ މީހާ 10،800 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ބިދޭސީ މީހާއަކީ އެމެރިކާގެ ރައްޔިތެކެވެ.

ހަޑަޑް ވިސާމް ކިޔާ މިމީހާ ހައްޔަރު ކުރީ އެއާޕޯޓުގައި ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލައުގައި މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރު ކުރިޔަސް، އޭނާ ފުރުން މަނާކުރުމަށް ފަހު ހުރީ ބަންދުން ދޫކޮށްލައިފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެވެ. ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އެ ދެ ދައުވާއަށް ވެސް އޭނާ ކުރިމިނަލް ކޯޓުގައި މިއަދު އެއްބަސްވިއެވެ.

އެ އެއްބަސްވުމުގެ ދަށުން، ގައިގައި އަތްލުމުގެ ދައުވާގައި 3،600 އިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އަނިޔާއެއް ދިނުމުގެ ދައުވާގައި ހުކުމްކުރީ 7،200 އިން ޖޫރިމަނާ ކުރިއެވެ. އެހެންކަމުން އެކު ޖުމްލަ 10،800 ގެ ޖޫރިމަނާގެ އަދަދެއް އޭނާއަށް ވަނީ އައިސްފައެވެ.

މީގެ އިތުރުން ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ގާޒީ އިބްރާހިމް ޒިހުނީ ކުރެއްވި ހުކުމުގައި އޭނާއަށް ވަނީ އަންގަވައިފައެވެ.