ޕްރިޔަންކާގެ ކައިވެނީގެ ހުއްދައަށް އެދި ނިކް ޖޯނަސް އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކަތައް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ކިޔައިދީފި އެވެ.
ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ވާހަކައަކީ ބޮލީވުޑްގައި މަޝްހޫރު ވާހަކައެކެވެ. އެންމެ ގިނަ ބަޔަކު ދެއްކީ މި ދެތަރީންގެ އުމުރުގެ ވާހަކައެވެ. ޕްރިޔަންކާއަކީ ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިޔަކަށްވެފައި، ނިކް އަކީ ހޮލީވުޑްގެ ރޮކްސްޓާއެކެވެ. މި ދެ ތަރީންގެ އުމުރުގައި 10 އަހަރުގެ ފަރަގު ހުރެއެވެ. ނިކް އަށްވުރެ ޕްރިޔަންކާ 10 އަހަރު ދޮށްޓެވެ.
ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި މަދޫ ބުނީ، ވާހަކަދައްކާނެ ކޮންމެވެސް ކަމެއް މީހުން އަބަދުވެސް ހޯދާނެ ކަމަށާއި އުމުރަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ. ނިކްއާ ފުރަތަމަ ބައްދަލުވި ދުވަހުވެސް ޕްރިޔަންކާގެ ހޮވުން ރަނގަޅު ކަމަށް ގަބޫލު ކުރެވުނު ކަމަށް މަދޫ ބުންޏެވެ.
"ފިރިހެން ކުއްޖާ ރަނގަޅު. އަންހެން ކުއްޖާ ރަނގަޅު. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވޭ. އުމުރު އެއީ މައްސަލައެއްގެ ގޮތުގައި ދެކިގެން އެ ނަޒަރިއްޔާތުން އަހަރެން ނުވެސް ވިސްނަން. މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް މައްސަލައެއް ނެތް." މަދޫ ބުންޏެވެ.
މަދޫ ވަނީ ނިކްއާ އެންމެ ފުރަތަމަ ބައްދަލުވީ ދުވަސްތަކުގެ ވާހަކަތައްވެސް ހިއްސާކޮށްފައެވެ. މަދޫ ބުނި ގޮތުގައި ނިކް އިންޑިއާއަށް ގޮސް އޭނާއާ ބައްދަލުކުރިއެވެ. އަދި ޕްރިޔަންކާގެ ވާހަކަދެއްކުމަށް މަދޫ އަދި ނިކް ދިޔައީ ރެސްޓޯރެންޓަކަށެވެ. އެ ބައްދަލުވުމަށް ޕްރިޔަންކާއެއް ނުގެންދެއެވެ.
"ނިކް އެހީ ޕްރިޔަންކާއާ ގުޅެން މަންމަ ބޭނުންވަނީ ކޮން ކަހަލަ ފިރިހެނެއްތޯ. އަހަރެން ކިޔައިދިނީ އެ ފަދަ މީހެއްގެ ހުންނާން އަހަރެން އެދޭ ޝަރުތުތަކުގެ ލިސްޓެއް. އެ ވަގުތު ނިކް އަހަރެންގެ އަތުގަ ހިފާފަ ބުނީ، ތިމަންނާ މިއީ މަންމަ ތިއެދޭ ފަދަ މީހެކޭ. އެ މަގާމު ތިމަންނާއަށް ދެވިދާނެހޭ.. ހުވާކޮށްފަ ބުނަމޭ، މަންމަގެ ތި ލިސްޓުން އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަމޭ. ހުރިހާ ކަމެއް ކަށަވަރުކުރާނަމޭ." މަދޫ ބުންޏެވެ.
އުމުރުގެ ތަފާތާ ގުޅޭ ގޮތުން ޕްރިޔަންކާވެސް ވަނީ ތަފާތު އެކިފަހަރުމަތީން މީޑިއާއާ ވާހަކަދައްކައިފައެވެ. އެއީ މައްސަލައެއް ނޫން ކަމަށް ޕްރިޔަންކާވެސް ބުނެއެވެ. ޕްރިޔަންކާއާއި ނިކް ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން