ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު" މިއަދު ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ބުރުނު ޝިކާރައިގެ ހަވަނަ އެޑިޝަން މިއަދު ނިމިގެން ދިޔަ އިރު، މިއަހަރުގެ އިވެންޓް ކުރިއަށް ދިޔައީ 26 އެތުލީޓުންނާ އެކުގައެވެ. އެގޮތުން ފިރިހެން އޯޕަން ބައިގައި އޭގެ ތެރެއިން 24 އެތުލީޓުން ވާދަކުރިއެވެ. އަދި ޖޫނިއާ ބައިގައި 11 އެތުލީޓުން، ޑްރޮޕް ނީ ކެޓަގަރީގައި 15 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 27 އިން 31 އަށް ވަރުނުލާ ރާޅުގަނޑުގައި ބުރުނު ޝިކާރު ކުރިއަށް ގެންގޮސްފައިވާ އިރު، އިވެންޓްގެ ފަނޑިޔާރުކަން ކުރީ ބައިނަލްއަގުވާމީ ފެންވަރުގެ ފަނޑިޔާރުންނެވެ.

ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން، ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދީ ފައިނަލުގައި އަލީ ޖާވިދު ބަލިކޮށްގެންނެވެ. ކުޑަ އައްޔަ މިފަހަރުގެ ޗެމްޕިއަންކަން ހޯދީ، 11.67 ސްކޯއެއް ފައިނަލުގައި ހޯދައިގެންނެވެ. ޖާވިދަށް ފައިނަލުގައި ހެދުނީ 9.77 ގެ ސްކޯއަކުންނެވެ.

ޖޫނިއާ ފައިނަލުގައި މުހައްމަދު އަޒާން އަހުމަދު ވާދަކުރީ މުހައްމަދު ޖަރީޝް ޖިހާދާއެވެ. އެ ފައިނަލް ވާދަވެރިކޮށް ގޮސްފައިވާ އިރު، ޖަރީޝްއަށް އެންމެ ވަރުގަދަ ތިން ރާޅުން ހެދުނީ 8.10 ގެ ސްކޯއެކެވެ. އަޒާން ވަނީ 9.90 ގެ ސްކޯއެއް ފައިނަލުގައި ހަދައިފައެވެ.

ޑްރޮޕްނީ ކެޓަރީގެ ފައިނަލްގައި ޗެމްޕިއަން ކުޑަ އައްޔައާ ވާދަކުރީ ޒުވާން ހުނަރުވެރި ބޯޑަރު އާމިން އުމަރު މުސާއެވެ. އެ ކެޓަގަރީގައި އަބަދުވެސް އެންމެ ވަރުގަދަކޮށް ފެންނަ ކުޑަ އައްޔަ މިފަހަރު ޗެމްޕިއަންކަން ހޯދީ 10.00 ގެ ސްކޯއަކުންނެވެ. އާމިންނަށް ހޯދުނީ 6.67 ގެ ސްކޯއެކެވެ.

މިއަދުގެ އިވެންޓްތަކަށްފަހު އެކިއެކި މަގާމުތަކަށް އިނާމު ދީފައިވާ އިރު، ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.

ރާއްޖޭގެ އެންމެ ހިންގުންތެރި އެއް އެސޯސިއޭޝަން، ބޮޑީބޯޑިން އެސޯސިއޭޝަނުން މި އަހަރަށްވެސް ގިނަ އިވެންޓުތަކެއް ތާވަލުކޮށްފައިވާ އިރު، ބޮޑީބޯޑިން ލީގުގެ ހަތަރު އިވެންޓެއް ވަނީ ތާވަލުކޮށްފައެވެ.

ބޮޑީބޯޑިން ލީގުގައި އަދި ތިން އިވެންޓެއް ހޯސްޓް ކުރަން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، މި އަހަރުވެސް ބޮޑީބޯޑިން ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ އިވެންޓް ރާއްޖޭގައި ބާއްވާ ގޮތަށް އޮތް އިރު، އެކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބަޖެޓް ކޮށްފައެވެ. މޯލްޑިވްސް ޕްރޯ އަކީ ފަހަކަށް އައިސް ރާއްޖޭގައި ހޯސްޓް ކުރެވޭ އެންމެ ކާމިޔާބު ބައިނަލްއަގުވާމީ މުބާރާތެވެ.