ޓެކްސީތަކުގައި މީޓަރު ހަރުކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހިފައިވަނީ މާލޭގެ ބިމަށް ނުކަތާ ވަރަކަށް ވެހިކަލްތައް ގިނަވުމުން ކަމަށެވެ. އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މަގުމަތީގައި ހުރި ބޭނުން ނުކުރާ އަދި ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތައިލުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 281 އުޅަނދެއް ނައްތާލައިފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި 1،870 ޓެކްސީއެއް ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.
ޓެކްސީތަކުން ނަގާ އަގުތަކުގެ ގޮތުގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަދަދުތައް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ނަމަވެސް އަގުތަކުގެ ކަންބޮޑުވުމަށް އޮތް ހައްލަކީ މީޓާޑް ޓެކްސީ ތައާރަފު ކުރުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އެންމެ ރަނގަޅު އެއް ނިޒާމަކަށް ވެގެންދާނީ ޓެކްސީ ސާވިސްގެ ތެރެއަށް މީޓާޑް ޓެކްސީ ގެނައުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މީޓާޑް ޓެކްސީ ތައާރަފު ކުރާނީ މޯބައިލް ފޯނުން އެޕްލިކޭޝަނެއް މެދުވެރިކޮށް އެކަން ކުރެވޭ ގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު