ހަތަރުވަނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" (ސިޑްސް) ކޮންފަރެންސްގައި ރާއްޖެއިން ހާސިލުކުރަން ބޭނުންވި މުހިންމު ކަންކަން ހާސިލުވެއްޖެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންޓިގާ އެންޑް ބާބުޑާއަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސިޑްސް ކޮންފަރެންސްގައި ރާއްޖެއިން ވަކާލާތު ކުރީ ކަންކަމުގެ ތެރޭގައި ބައިނަލްއަގުވާމީ ފަންޑިން ލިބުން ފަސޭހަ ކުރުމަށާއި މިހާރަށް ވުރެ ބޮޑަށް ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވިސްނަން ޖެހޭ ކަންކަން ރާއްޖެއިން ހުށަހަޅާފައިވާ ކަމަށާއި އެ ކަންކަން ވެސް އެންޑޯޒް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ސިޑްސްގެ މެއިން އައުޓްކަމް ޑޮކިއުމަންޓް އެއްބަސްވުމަކަށް ވެގެން އަންނަ އިރު ރާއްޖެއިން ވަކާލާތު ކުރި ހުރިހާ ކަމެއް ވެސް އެންޑޯޒް ކުރެވިގެން ދާނެ ކަމަށެވެ.
"ރާއްޖެއިން ހާސިލް ކުރަން ބޭނުންވި މުހިންމު ކަންކަން ހާސިލް ކުރެވިއްޖެ" ހީނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ފަރާތުން ހަތް ސްޓޭޓްމެންޓެއް ސިޑްސް ކޮންފަރެންސްގައި ދެއްވައިފައި ކަމަށް ހީނާ ވިދާޅުވިއެވެ. ރައީސްގެ ސްޓޭޓްމެންޓުތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައި ވަނީ މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމާއި ތިމާވެށީގެ ކަންކަމުގައި ވިލުވެރި މުޖްތަމައުއެއް ބިނާ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ސިޑްސްގައި ހިމެނޭ ގައުމުތަކުގެ ވިޔަފާރިތަކުން ގުޅިގެން އެންމެން ޝާމިލްވާ ގޮތަށް މަސައްކަތް ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދައްކާވައިފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު