ރާއްޖޭގައި އެއް ޑިޖިޓާއި ދެ ޑިޖިޓްގެ ޑޮމެއިން ވިއްކަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 1،400 ޑޮމެއިން ގެންގުޅޭ ކަމަށާއި އޭގެ ތެރޭގައި ސައްހަ ނޫން 700 ވަރަކަށް ޑޮމެއިންވެސް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރީގައި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ޑޮމެއިން ވިއްކުމުގެ ހަރުދަނާ އުސޫލެއް ނެތް ކަމަށެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ބޭނުން ކުރަމުން އައި މެޓްރިކްސް ސިސްޓަމުގެ ތެރޭގައި ގިނަ ޑޮމެއިންތަކުގެ މައުލޫމާތު ފެންނަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސައްހަ ނޫން ޑޮމެއިންތައް ވަކިކުރުމަށް ފަހު، އާ ސޮފްޓްވެއާއަކާ އެކު ޑޮމެއިން ވިޔަފާރި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށެވެ.
"މިހާތަނަށް ގެންގުޅެފައި އޮތީ ތިން ޑިޖިޓާއި ހަތަރު ޑިިޖިޓުގެ ޑޮމެއިން. އަލަށް ތައާރަފު ކުރާ ޑޮމެއިން ސިސްޓަމުގެ ތެރޭގައި އެއް ޑިޖިޓު ނުވަތަ ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ހުޅުވާލަނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު "ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަލަށް ވިއްކާ ޑޮމެއިންގެ ބީލަން ފެށޭ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށާއި މިހާރު ހުރި އަގުތަކަށްވުރެ ބޮޑުވާނެ ކަމަށެވެ. އަދި ޑޮމެއިންގެ ވިޔަފާރިއަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވަރަށް ރަނގަޅަށް ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށް ވިދާޅުވިއެވެ.
"އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވައިދު" ގައިވާ ގޮތުގައި ސައިކަލުގެ ޑޮމެއިންގެ ބީލަން ފެށޭ އަގަކީ 50،000 ރުފިޔާއެވެ. ހަތަރު ފުރޮޅުލީ އުޅަނދުގެ ބީލަން ފެށޭ އަގަކީ 100،000 ރުފިޔާއެވެ. އަދި ޑޮމެއިން ވިއްކަން ވާނީ ބީލަމުން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ބުނެފައިވެއެވެ.
ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަމަށް ބުނެ، ޑޮމެއިން ވިއްކުން ހުއްޓާލީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު