ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އެންމެ ލަސްވެގެން އަންނަ ހަފުތާގެ ތެރޭގައި ބިޑަށް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު، އެ ފަތުރުވެރިންނަށް ވައިގެ ހިދުމަތް ދިނުމުގައި މިހާރަށް ވުރެ ލުއި ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ފަތުރުވެރިންގެ މައިގަނޑު ދަތުރުތައް ބަރޯސާވެފައި އޮންނަނީ ސީޕްލޭނަށް ކަމަށާއި ނަމަވެސް ސީޕްލޭނަކީ ހަމައެކަނި ދުވާލު ގަޑީގައި ދެވޭ ހިދުމަތެއް ކަމަށެވެ.
"ޓޫރިސްޓުން، ރިސޯޓުތަކަށް ނުވަތަ އެ ބޭފުޅުންދާން ބޭނުންވާ މަންޒިލްތަކަށް ދާން ބޭނުންވޭ ދުވާލު ނޫނަސް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ކެބިނެޓުން ނިންމައިފައިވާ ކަމަށެވެ. އަދި އެ ހިދުމަތް ދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގައި އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސީއޭގެ ސްޓްޑީޒް އެއް ހެދުމަށް ފަހު އެ ސްޓަޑީގައި ބުނާ މިންގަނޑުތަކަށް މިކަން މިކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި މަސައްކަތުގެ ކަރުދާހުގެ މަސައްކަތް އޮތީ ނިމިފައެވެ. ނަމަވެސް ލަސްވަނީ މާލިއްޔަތު ގާނޫނުގެ ތެރޭން ނިންމަން ޖެހޭ ކަންކަން ކުރުމަށެވެ.
"އަޅުގަނޑަށް އެންމެ ފަހުން ލިބިފައި އޮތް މައުލޫމާތުގައިވާ ގޮތުން މި ހަފުތާ ނިމޭއިރުގައި ނުވަތަ އެންމެ ލަސްވެގެން އަންނަ ހަފުތާގެ މެދުތެރެޔަށް ދާއިރު ފިނޭންސް މިނިސްޓްރީން އެކަންތައް ނިންމަވާނެ. ނިންމެވުމާއެކީގައި އަޅުގަނޑުމެން އާރްއެފްޕީ އާއި ސަރުކާރުގެ ގެޒެޓުގަ އާއި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނަން. ސާކިއުލޭޓްކުރީމައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ރާއްޖޭގައި ވިޔަފާރި އޮތް ގޮތާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ގާބިލްކަން ހުރި ކޮންޕޯނެންޓެއް ގެނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ފަރާތުން އެއާ އެމްބިއުލާންސުގެ ހިދުމަތުގައި ހެލިކޮޕްޓަރު ބޭނުންކުރަން ޖެހޭ ގޮތަށްވެސް މަތިކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު