ކެމްޕިއަން މޯލްޑިވްސްއަށް ހަ މިލިޔަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ކެމްޕިއަން މޯކްޑިވްސްގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ އެކު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތަކަށް ކޮށްފައިވާ ބިލްތަކުގެ ތެރެއިން 2023 ޖުލައި ދޭއް އާ ހަމައަށް ކްރެޑިޓް މުއްދަތު ހަމަވެފައިވާ ޓެކްސް އިންވޮއިސްތަކަށްވާ 8.8 މިލިޔަން ރުފިޔާ ފެނަކައިން ހޯދުމަށް އެދި ކެމްޕިއަން މޯކްޑިވްސްގެ ފަރާތުން ގދ. ތިނަދޫ ވެހެލި އަލްފީން އަދުނާނު އިސްމާއީލް ފެނަކައިގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.

މި ދައުވާގެ އަސްލަށް ފެނަކައިން އިންކާރުކޮށްފައި ނުވި ނަމަވެސް، ފައިސާގެ އަދަދަށް ވަނީ އިންކާރު ކޮށްފައެވެ.

ފެނަކައިން ބުނެފައި ވަނީ ބިލްތަކަށް ދައްކަންޖެހޭ ކަމަަށް ބުނާ 8.8 މިލިޔަން ރުފިޔާގެ ތެރެއިން 2.8 މިލިޔަން ރުފިޔާއަކީ މިހާތަނަށް އެފަރާތަށް ދައްކާފައިވާ ފައިސާ ކަމަށެވެ. އެހެންކަމުން އެފަރާތަށް ނުދައްކައި ބާކީ ހުރީ ހަ މިލިޔަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހުށަހެޅި ހެކިތަކުންވެސް ދައްކަނީ އެ ނަތީޖާ ކަމަށް މި މައްސަލަ ނިންމި ގަޒިއްޔާގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. އެ އަދަދަށް ދައުވާ ހުށަހެޅި ފަރާތުންވެސް އެކަމަށް ދެކޮޅު ހަދައިފައެއް ނުވެއެވެ.

އެހެންކަމުން ހުސްވި އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހާ ހަމައަށް ކްރެޑިޓްގެ މުއްދަތު ހަމަވެފައިވާ ޓެކްސް އިންވޮއިސްތަކަށް ފެނަކައިން 8.8 މިލިޔަން ރުފިޔާ އަރާފައިވާ ކަމަށާއި އެ ފައިސާއަކީ ކެމްޕިއަން މޯލްޑިވްސް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ދެ ފަރާތުގެ އިއުތިރާފުން ސާބިތުވާ ކަމަށާއި އެ ފައިސާގެ ތެރެއިން އިއްޔެއާ ހަމައަށް އެ ފަރާޓަށް ނުލިބިވާ ފައިސާގެ އަދަދަކީ ހަ މިލިޔަން ރުފިޔާކަން، ހުށަހަޅާފައި ހުރި ކިތާބީ ހެކިތަކުންނާއި ދައުވާކުރި ފަރާތުގެ ބަހުން އެނގޭ ކަމަށެވެ.

އެހެންކަމުން އެފައިސާ ކެމްޕިއަން މޯކްޑިވްސް އަށް ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.