ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތްގެ ސްޓޭޓް މިނިސްޓަރު ލޯޑް ރިޗާޑް ބެންޔޯންއާ ތައުރީފު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލޯޑް ރިޗާޑް އެކަމަށް ތައުރީފު ކުރެއްވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެއިން ސިޑްސްއަށް ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ރާއްޖޭގެ ތަރައްގީއާއި ތަނަވަސްކަމަށް ރައީސް ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ލޯޑް ރިޗާޑް ތައުރީފުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި އަޅަމުން އަންނަ ފިޔަވަޅުތައް ރައީސް ހިއްސާކުރައްވާފައިވާ ކަމަށެވެ.