ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަގުފަހިކޮށްދެވޭނެ ތިން ހައްލެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.
ހަތަރުވަނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" (ސިޑްސް) ގެ ހަވާސާގައި ކުރިއަށް ގެންދިޔަ "ހައިލެވެސް މީޓިން އޮން ރިސޯސް މޮބިލައިޒޭޝަން ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިޑްސްގެ ގައުމުތަކަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ފައިނޭންސް ލިބެމުންދާ މިންވަރު ދަށްވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސިޑްސްގައި ހިމެނޭ ގިނަ ގައުމުތަށް ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ ތަރައްގީވަމުންދާ ގައުމުތަކުގެ ލިސްޓަށް ބަދަލުވެފައިވަނީ ދަރަނިވެރިވެގެން ކަމަށެވެ. ސިޑްސްގެ ގައުމުތަކަކީ މިހާރު ތަރައްގީވަމުން އަންނަ ގައުމުތަކަށްވުމުން މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދަރަނި މެނޭޖު ކުރުމަށް ދަތިވުމުގެ ސަބަބުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ސިޑްސްގެ ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު ރައީސް ވަނީ ސިޑްސްގެ ގައުމުތަކަށް ފައިނޭންސް ހޯދުމުގައި ދިމާވާ ދަތިތައް ހައްލުވާނެ ތިން ގޮތެއް ހުށަހަޅުއްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ ކުދި ގައުމުތަކަށް ލޯނު ދެވޭނެ ގާބިލުކަން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކުގައި އެބަހުރި ކަމަށެވެ. އަދި ކުދި ގައުމުތަކަށް ފައިނޭންސް ދޫކޮށްގެން އެ ބޭންކުތަކުގެ ކްރެޑިޓް ރޭޓިންތަކަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށެވެ.
"އެ ނިޒާމަށް މި އިސްލާހުތައް ގެނެސް، ފާއިތުވި 30 އަހަރުގެ ތެރޭގައި ސިޑްސްއަށް ވެފައިވާ ވައުދުތައް ފުއްދުމަށް އަޅުގަނޑު އެމްޑީބީތަކާއި އިންޓަނޭޝަނަލް ފައިނޭންސް އިންސްޓިޓިއުޝަންތަކަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ބޮޑެތި ގައުމުތަކުން އެމްޑީބީތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސިޑްސްގެ ގައުމުތަކަށް ފައިނޭންސް ލިބޭ މިންވަރު އިތުރުކުރުން ކަމަށެވެ. ކުދި ގައުމުތަކަށް ބޭރުގެ އިންވެސްޓްމަންޓުތައް ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ނަގަންޖެހޭ ރިސްކާ އަޅައި ބަލާއިރު މާކެޓު ކުޑަވުން ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ރިސްކެއް ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން ނަގައިފިނަމަ، ކުދި ގައުމުތަކަށް ފައިނޭންސް ހޯދުމަށް ދިމާވާ ދަތިތައް ނެތިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެންމެފަހު ހައްލަކަށް އެ މަނިކުފާނު ހުށަހެޅުއްވީ ޖަޒީރާ ކުދި ގައުމުތަކުން މިހާރަށް ވުރެ ވިސްނުން ފުޅާކުރުން ކަމަށެވެ.
"އަޅުގަނޑުމެން ކުޑަވުމަކީ އަޅުގަނޑުމެންނަށް ލިބެން ހުރި ފުރުސަތުތައް ހަނިވުމެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ބޮޑެތި ގައުމުތަކުން، ކުދި ގައުމުތައް ދެކެނީ އެހީ ދޭން ޖެހޭ ބައެއްގެ ގޮތުގައި ކަމަށާއި ބޮޑެތި ގައުމުތަކުން ކުރަންވީ ކަމަކީ ދެމެހެއްޓެނެވި ތަރައްގީގެ ބައިވެރިންގެ ގޮތުގައި ކުދި ގައުމުތައް ބައިވެރިކުރުވުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު