ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

ޖެން ހޮޓެލްގައި މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ރުހުމާ އެކު ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު 2.07 ބިލިއަން ރުފިޔާގެ ސާފު ފައިދާއިން ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.

މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ 40 ރުފިޔާއެވެ.

އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީހުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމުގެ ސަބަބުން ކަމަށެވެ.

މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތް"ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ކާލް ސްޓުމްކަ ވިދާޅުވީ އެކުންފުނިންހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދޭނެ ކަމަށެވެ. އަދި ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފަހި މާދަމައެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި ބޭންކަށާއި ރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް އެންމެންނާ އެކު މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވި އިރުޝާދާއި ހިއްސާދާރުން ބޭންކް އޮފް މޯލްޑިވްސް އަށް ކުރައްވާ އިތުބާރަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް. މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ދާނަން،"

އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރުމުން، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބޭނެއެވެ. މިދިޔަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.