މިއަދު މަސައްކަތް ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބު ކުރައްވައިފިއެވެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ މަޖިލިސް ޖަލްސާގައި އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 92 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ. އަބްދުއްރަހީމްއާ ވާދަކުރެއްވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ލިބުނީ 14 ވޯޓެވެ. ބާތިލް ހަތް ވޯޓު އޮތެވެ.
ނަތީޖާ އިއުލާން ކުރެއްވުމަށްފަހު އިންތިހާބު ކޮމިޓީގެ މެންބަރުންގެ ހާޒިރުގައި ވޯޓު ކަރުދާސްތައް ނައްތާލަން ރިޔާސަތުގައި އިންނެވި މެންބަރު ސިޔާމު މަޖިލީހުގެ އަމީން އާންމުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން، މަޖިލިސް ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ނަގާ ސިއްރު ވޯޓު ގުނުމަށް ފާސްކުރަންޖެހޭ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީގައި ތިއްބަވާނެ މެންބަރުންގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ފަލާހުގެ ނަންތަކަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
ފަލާހު ހުށަހެޅުއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ އާއި މާމިނގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު، އެމްއެންޕީގެ ރައީސް އަހުމަދު ނާޒިމުގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު