މިއަދު މަސައްކަތް ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ހޮވުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި މަޖިލިސް ރައީސްކަމުގެ މަގާމަށް އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެ ނަމަށް ތާއީދުކުރެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަބްދުއްރަހީމްގެ ނަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްވެސް ތާއީދުކުރެއްވިއެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް ހުށަހެޅުއްވީ އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަމެވެ. އޭނާގެ ނަން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޑެޕިއުޓީ ލީޑަރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ. ނާޒިލްގެ ނަމަށް ތާއީދުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ފުރަތަމަ ނަމެއްގެ ގޮތުގައި ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަމެވެ. އެ ނަން ހުށަހެޅުއްވީ އަބްދުއްރަހީމެވެ. ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއެވެ.

މަޖިލީހުގެ ނާއިބް ރައީސްކަމުގެ މަގާމަށް އެމްޑީޕީންވެސް މެންބަރެއްގެ ނަން ހުށަހެޅުއްވިއެވެ. ޒިޔާދު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ. އެ ނަމަށް ތާއީދުކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ.