ގެދޮރު ގެއްލިފައިވާ ފަލަސްތީންގެ އެތައް ބަޔަކު ހިމާޔަތް ހޯދުމަށް ރަފާގައި ހަދާފައިވާ ޓެންޓުތަކަކަށް ބޮން އަޅައި، އިޒްރޭލު ސިފައިން އެންމެ ފަހުން ދިން ހަމަލާ އާއި ގާޒާގެ ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަސްކަރީ ހަމަލާތައް ރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ގައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، ރަފާގައި މި ވަގުތު ތިބި ގާޒާގެ މީހުންނަށް އިޒްރޭލުން ދިން ހަމަލާގައި މިހާތަނަށް 45 މީހަކު ވަނީ މަރުވެފައެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އާންމުންނަށް އަމާޒުކޮށް ގަސްދުގައި ހިންގާ އެފަދަ ހަރުކަށި އަމަލުތަކާއި ޖަރީމާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އެހެންވެ ރަފާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް މި މަހުގެ 24ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އަމުރަށް އަމަލުކުރުމަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ފަލަސްތީންގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކޮށް، ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ ދައުލަތް ހިންގުމުގެ ގާނޫނީ ހައްގަށް އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ.