ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް، އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކުރެއްވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އދ. އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި އދ. އިން ރާއްޖޭގެ ގައުމީ ތަރައްގީއަށް ދެމުންގެންދާ އެހީތެރިކަމާއި ބައިނަލްއަގުވާމީ މުޖުތަމައާއި ރާއްޖެއާ އޮތް ގާތްކަމާއި އިތުބާރު ދެމެހެއްޓުމުގައި އދ. އަދާކޮށްދޭ ދައުރު ފާހަގަކުރައްވައި ރައީސް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ދެ ބޭފުޅުންވެސް އދ. ގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖެއަށް އދ. އިން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ އުންމީދު އާކުރައްވަމުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.