ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ 83 އަހަރުގެ މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް އަލި މަނިކު (83 އަހަރު) އެވެ. އޭނާ މަރުވީ މިއަދުގެ ވަގުތެއްގައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނީ އާދަމް އަލި މަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރު ވެސް ހަރަކާތް ނުކުރާ ކަމަށެވެ.
"އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފައެވެ. ފަރުވާ ދިނުމަށްފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ގައިވެއެވެ" ކަރެކްޝަނުން ބުންޏެވެ.
އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕާޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ.
އާދަމް އަލި މަނިކުއަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަހުލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއް ކަމަށް ކަރެކްޝަނުން ބުންޏެވެ.
އޭނާ މަރުވުމާ ގުޅިގެން ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު