ބޮސްނިއާގެ ގަރާރަށް ރާއްޖޭން ވަކި ކޮޅަކަށް ވޯޓު ނުދިނީ އެއީ މި ދަނޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޖަރުމަނުން އިސްނަގައިގެން އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ބޮސްނިއާ ގަރާރަކީ 1995 ވަނަ އަހަރު ސްރޭބްރެނީސާގައި ހިނގާދިޔަ ޖެނޮއިސައިޑްގެ ހަނދާން އާކުރުމަށް ކޮންމެ އަހަރެއްގެވެސް 11 ޖުލައި ވަނަ ދުވަސް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރުމަށް ގޮވާލައި ހުށަހެޅި ގަރާރެކެވެ.

އެ ގަރާރު ހުށަހެޅުމާއެކު ބޮސްނިއާ އެންޑް ހަރްޒެގޮވިނާގެ ރިޔާސަތުގައި ހިމެނޭ ސާބް ނަސްލަށް ނިސްބަތްވާ ފަޅިން ވަނީ އެ ގަރާރަކީ ބޮސްނިއާ އެންޑް ހަރްޒެގޮވިނާގައި ގާއިމުކޮށްފައިވާ ސުލްހަ ގެއްލޭ ގޮތަށް ސާބިއާއަށް ހުރިހާ އިލްޒާމެއް އަޅުވައި، އެ ގައުމުގެ މަސްރަހު އަލުން ގޯސްކުރަން މަގުފަހިވާނެ ގޮތަށް ހުށަހަޅާފައިވާ ގަރާރަކަށްވާތީ، އެ ގާރާރާ ދެކޮޅަށް ވޯޓު ދިނުމަށް އެދި ލޮބީ ކޮށްފައެވެ.

އަދި މިކަމުގެ ފަހަތުގައި ހުޅަނގުގެ ގައުމުތައް ހިމެނޭ ކަމަށާއި އެއީ ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ގޮތަށް ސާބިއާ އިން އެސްބަސްނުވާތީއާއި ސާބިއާއާއި ރަޝިއާގެ ގާތްގުޅުމާ ގުޅިގެން ފާސްކުރަން އުޅޭ ގަރާރެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެ ތުހުމަތު ތަކާއެކުވެސް 84 ގައުމެއްގެ ތާއީދާއެކު އެ ގަރާރު ވަނީ ފާސްކޮށްފައެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. ރާއްޖޭގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 18 ގައުމަކުންވެސް ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ވަން" އަށް ވިދާޅުވި ގޮތުގައި، ރާއްޖެ އިން ބޮސްނިއާ މައްސަލައިގައި ވޯޓުދީފައިވަނީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދޭން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު އަރަބި ގުރޫޕުގެ ފަރާތުން ހުށަހެޅި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާ އެއްވިސްނުމެއްގައި ކަމަށެވެ. އަދި ބޮސްނިއާ އެންޑް ހަރްޒެގޮވިނާގެ މި މައްސަލައިގައި އިސްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިސްރާއީލަށް ފާޅުގައި ވާގިވެރިވާ ގައުމުތައް ހިމެނުމަކީވެސް އެ ގަރާރަށް ވޯޓު ނުދިން ސަބަބެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، ރާއްޖެއިން އެ ގޮތަށް ވޯޓު ދީފައިވަނީ އެ ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް އެ ގަރާރާ ގުޅިގެން އިއްތިފާގުވެފައި ނުވާތީ އާއި އދ.ގެ މައި ޝަރުއީ ގުނަވަން ކަމުގައިވާ އައިސީޖޭ އިން ނިންމަވާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސް ކަމެއް އުފެއްދުމަށް ބޭނުންނުވާތީ ކަމަށެވެ.

"އެއްވެސް ބޭރު ގައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ތެރެއަށް ވަދެ ބަސްބުނެ ހެދުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލެއް ނޫން. އަދި ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުން. އިސްލާމީ ވަރަށް ގިނަ ގައުމުތަކުންވެސް މި ގަރާރާ ގުޅިގެން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ، މިކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީ،" އޮފިޝަލް ވިދާޅުވިއެވެ.

"މި ގަރާރު މި ދަޑިވަޅުގައި ނެގުމުގެ އެއް ބޭނުމަކީ، ފަލަސްތީނުގައި އިސްރާއީލުން ހިންގާ ގަތުލުއާންމުގެ ވާހަކަ އޮއްބާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ބެލެވޭތީއާ ވެސް އެކު ގަރާރާ އެއްކޮޅަށް ވޯޓު ނުދިނީ،" އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި ބޮސްނިއާގެ ގަރާރުގައި ރާއްޖޭން ވޯޓު ދިން ގޮތާ މެދު ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން "ވަން" އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ، ރާއްޖެ އިން އެ ގަރާރާ ގުޅިގެން ވަކި ކޮޅަކަށް ވޯޓުދީފައިނުވިޔަސް، ރާއްޖެއިން އެ ސަރަހައްދުގައި ހިމެނޭ ކޮސޯވޯ، ސާބިއާ، ބޮސްނިއާ އެންޑް ހަރްޒެގޮވިނާ އަދި މޮންޓެނީގްރޯ ބަލައިގަނެ، އެ ގައުމުތަކާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި އެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ބައިލެޓެރަލް އެއްބަސްވުންތަކުގައި ވެސް ރާއްޖެއިން ސޮއިކޮށްފައިވާއިރު، ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ބޭފުޅުން އެ ގައުމުތަކަށް ދަތުރުފުޅުވެސް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ދިވެހިރާއްޖެއިން ދަނީ އެކި މައްސަލަތަކުގައި އެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.