ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު، މަރްޔަން ރޫޔާ އަލީ އިއްޔެ އާކޮށްފިއެވެ.

ޖެމެއިކާގައި ކުރިއަށްދިޔަ ޖޭއޭއޭއޭ އޯލް ކަމާސްގެ އިވެންޓުގައި ދުވެ، ރޫޔާ މި ފަހަރު ރެކޯޑު ހެދީ 11.87 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ރާއްޖޭގެ އެތުލެޓިކްސް ތާރީހުގައި އަންހެން އެތުލީޓަކު، 100 މީޓަރު ރޭސް 12 ސިކުންތަށްވުރެ އަވަހަށް ނިންމި ފުރަތަމަ ފަހަރެވެ.

އިއްޔެ ރޫހާ އާކުރީ މި މަހުގެ ކުރީކޮޅު އޭނާ ހެދި ރެކޯޑެކެވެ. އެ ފަހަރުވެސް ޖެމެއިކާގައި ދުވެ ރޫޔާ ރެކޯޑު ހެދީ 12.02 ސިކުންތުންނެވެ.

ރާއްޖޭގެ 100 މީޓަރު އަންހެން ރެކޯޑަކީ ދުވަސްތަކެއް ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. އެ ރެކޯޑު 21 އަހަރުން ވަންދެން މުގުރާނުލެވި އޮއްވައި، އެކަން ފުރަތަމަ ކުރީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި އައިޝަތު ހިމްނާ ހަސަނެވެ. އެއީ 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހިމްނާގެ އެ ރެކޯޑު ރޫޔާ މުގުރާލީ މި މަހުގެ ކުރީކޮޅުގައެވެ.

ރޫޔާއަކީ ބޭންކް އޮފް މޯލްޑިވްސްގެ އެތުލީޓްސް ސްކޮލަޝިޕެއްގައި ޖެމެއިކާގައި ތަމްރީން ވަމުން އަންނަ ޒުވާން އެތުލީޓެކެވެ.