ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ ލޯނު ފެސިލިޓީއެއް ތައާރަފުކޮށް، އޭގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 ޕަސަންޓު ކަނޑައެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024ގެ ނިންމުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭންޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ބަދަލުވަމުން އަންނަ އޮއެވަރުގައި ކުދި ގައުމުތަކުގެ ވިޔަފާރިތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އިހުނަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ އިން މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށާއި ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ކަންތައްތަކެއް ރާއްޖެއިން ކުރަމުން އަންނަ ކަމަށެވެ.

"ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް އިސްކަންދީގެން، ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާސިލުކުރެވޭނީ ސިޑްސްގެ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތްކޮށް، އެންމެން ޝާމިލުވާ ގޮތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ ވިލުންތެރި މަސައްކަތުގައިވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަގަކުރެއްވިއެވެ.