އިންޑިއާގެ ގޭމް އާކޭޑެއްގައި ރޯވެ 20 މީހުން މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ހުޅަނގު ގުޖުރާތުގައި ހުންނަ އިމާރާތެއްގައި ހަދާފައިވާ އެ ގޭމް އާކޭޑުގައި ރޯވި އަލިފާންގަނޑު މުޅި އިމާރާތައް ފެތުރުނެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް، އިމާރާތުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރެސްކިއު ޓީމުތަކާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ބުނި ގޮތުގައި، ހާދިސާގައި 20 މީހުން މަރުވެފައިވާކަން ޔަގީން ކުރެވިފައިވީ ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އެ ތަނުގައި އަލިފާން ރޯވި ވަގުތަކީ އެ ތަނުގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބި ވަގުތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާއިރު އެތަން ހިންގާ ކުންފުނީގެ އިސްވެރިޔާގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.