ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ މައި އިދާރާ، މެޓް އޮފީހުން ބުނެފައިވާތީ، ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިއުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާ ކަމަށެވެ.

އާދީއްތަ އިން ފެށިގެން އަންނަ ބުދަ އާ ހަމައަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ. ވީމާ، ރަށްރަށުގެ ހާލަތު ބައްލަވައި، މި މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށަށް ގެންދިޔުމަށް އިލްތިމާސް ކުރަމެވެ،" އެންޑީއެމްއޭއިން ބުންޏެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑި އިރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށެވެ. ނަމަވެސް ފާއިތުވި ހަފުތާއާ އަޅައި ބަލާ އިރު މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ރާއްޖޭގެ ދެކުނުގެ އައްޑޫ ސިޓީން ފެށިގެން ލ. އަތޮޅަށް 8 މޭލާއި 18 ދެމެދު ވައި ޖެހެނީ. ކަނޑުތައްވެސް މަޑު. މެދު ރާއްޖެތެރެއަށް ގަދަ އަދިވެސް. ވައިގެ ބާރުމިން 15 މޭލާއި 25 މޭލާ ދެމެދު. މަޑު މަޑުން ދަށްވަމުންދަނީ. މާދަމާ އަދި ތަންކޮޅެއް ރަނގަޅުކޮށް ފެންނަނީ. މިހާރު ދަތުރުފަތުރުކޮށްލެވޭ ވަރުވާނެ،" މެޓް އޮފީހުން ބުންޏެވެ.

މެޓުން އޮފީހުގެ އޮފިޝަލް އިތުރަށް ވިދާޅުވީ މެދުރާއްޖެތެރޭ އަދި އުތުރުގެ ކަނޑުތައް މަޑުނުވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑި އިރު އެންމެ ގިނައިން ވާރޭ ވެހުނީ ލ . މާވަށަށް ކަމަށާއި އެއީ 95 މިލިލީޓަރުގެ ވާރޭ ކަމަށެވެ.