(17 މެއިގެ އަދަދާ ގުޅޭ)

قـــــريـظــة ވަންހައިގެ މީހުން ކައުސާހިބާ ފޮނުއްވި ސަފީރުންނަށް ޖަވާބުއެރުވީ ވަރަށް ހަރުކަށިކޮށެވެ. ހުތުރު ބަހުންނެވެ. އެބޭކަލުން ޔަހޫދީންނަށް ވިސްނައިދެއްވައި މުޢާހަދާގެ މަތީން ހަނދާންކޮށްދެއްވުމުން ޔަހޫދީން ޖަވާބު އެރުވީ އަންނަނިވި މޭރުމުންނެވެ. "محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަކީ އަހަރެމެން ދަންނަ މީހެއް ނޫނެވެ. ތިޔަބޭކަލުން ތިޔަ ވިދާޅުވާ މުޢާހަދާއަކީވެސް އަހަރެމެން ކަނޑެއްކަން ފަޅެއްކަންވެސް ދެނެހުރި އެއްޗެއް ނޫނެވެ." ކޮންމެއަކަސް قـــــريـظــة ވަންހައިގެ މީހުން ޢަރަބީންގެ ގުޅިފައިވާ ލަޝްކަރާ ފާޅުގައި ބައިވެރިވެއްޖެއެވެ. އެ ލަޝްކަރުގެ ބޯގިނަކޮށްދީ ޢަސްކަރީ ފޯރުމާލު އިތުރުކޮށްދީފިއެވެ. މިއީ ހަނގުރާމައެއްގެ ތެރޭގައި ޔަހޫދީން ހިންގި އިންތިހާދަރަޖައިގެ ބޮޑު ޖަރީމާއެކެވެ. ޣަދަރުވެރިވުމެކެވެ.

قـــــريـظــة ވަންހައިގެ ޔަހޫދީންގެ އަވަށްގަނޑު އޮތީ މުސްލިމުންގެ އާބާދީއާ ޖެހިގެންނެވެ. މުސްލިމުންގެ އަންހެނުންނާއި ކުޑަކުދީންތިބީ ޔަހޫދީންގެ އަވަށާ އިންވެގެންހުރި ކިއްލާތަކުގައެވެ. އެދެމެދަކު ދިފާޢީ ހުރަހެއްވެސް ނެތެވެ. އެހެންކަމުން މިފަދަ ހަނގުރާމައެއްގެ ތެރޭގައި މަދީނާ އާބާދީގައި ޤުދްރަތީގޮތުން ޝާމިލުވާ ބަޔަކު ޣަދަރުވެރިވެ ދުޝްމިނުންނާ ބައިވެރިވެ މުސްލިމުންގެ ފުރަގަހުން ބުރަކައްޓަށް ޚަންޖަރު ހަރާން ދިމާކުރުމަކީ ސަހަލުކަމެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމާ ވަރަށްބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އިސްތަށިފުޅާއި މޫނުފުޅު ފަގުޑިކޮޅުން ނިވާކުރައްވައިގެން އިރުކޮޅަކު މަޑުކޮށްލެއްވިއެވެ. އެކަމަކު ގިނަހިނދެއް ނުކުރައްވައި ނުހަނު ޖޯޝާއެކު اللّــــه أكـبــــــر ވިދާޅުވަމުން ތެދުވެވަޑައިގެން މުސްލިމުންނަށް ފަތަޙައިގެ އުފާވެރި ޚަބަރު ދެއްވިއެވެ. މަދީނާގެ ދިފާޢުގައި ފިޔަވަޅު އަޅުއްވާން ފައްޓަވައިފިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އޭރުވެސް ގެންދެވީ މާތް اللّــــه ގެ ޙަޟުރަތަށް މެދުކެނޑުއްވުމެއްނެތި ދުޢާފުޅު ކުރައްވަމުންނެވެ. މުސްލިމުންގެ ހަތިޔާއަކީވެސް ދުޢާއެވެ. އިތުރު ސާހިބާ ދުޢާފުޅުކުރެއްވީ އަންނިނިވި މޭރުމުންނެވެ.

"اَللّــــهُــمَّ مُـنْــــزِلَ اْلـكِـتَـــابِ سَـــــرِيْـــعَ الْحِسـاَبِ اهْــــــزِمِ اْلأَحْــــــزَابَ اَللّــــهُــمَّ اهْــــزِمْــهُــــمْ وَزَلْـــزِلْــهُـــــمْ "

އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އަކީ މުސައްބިބުލްއަޚްލާޤެވެ. އެކަލާނގެ ޙަބީބާއި މުސްލިމުންގެ ދުޢާ އިޖާބަކުރެއްވިއެވެ. މުސްލިމުންނަށް ނަޞްރު ދެއްވުމަށްޓަކައި އެކަމުގެ ސަބަބުތައް ޤާއިމުކުރެއްވިއެވެ.

މުޙާޞިރާ ދިގުލަމުން ދިޔަވަރަކަށް ޙިޞާރުކުރާ މީހުންގެ ހިތްވަރު އެލުމަކީ ޠަބީޢީ ކަމެކެވެ. ދިހަހާސް ސިފައިންނަށް ބޭނުންވާ ފޯރުމާލު ހޯދުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ދުވަސްވަރަކީ ފިނިމޫސުމެވެ. ނުހަނު ފިނި އަދި އެހައިމެ ގަދަވައިގެ ޠޫފާންތައް އަންނާން ފަށައިފިއެވެ. ފޭލިގެތަކުގެ މުޑިތައް ލުހި ފޭލިގެތައް ވަޔާދާން ފަށައިފިއެވެ. ކައްކާން އުދައިފައިހުރި ބޮޑެތި ތެލިތައްވެސް ބަންޑުންވާން ފަށައިފިއެވެ. މިކަންކަން ހިމެނުނީ ޢަސްކަރީ ޙަމަލަތަކަށްވުރެ މާބިރުހުރި ކަންތައްތަކެއް ކަމުގައެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި އެކަންކަން ތަޢުބީރު ކުރައްވައިފައިވަނީ އިލާހީ ލަޝްކަރެއްގެ ޙަމަލާތަކެއް ކަމުގައެވެ. އަރަހުށި މާތް اللّــــه ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ލަޝްކަރުތަކެއް ތިޔަބައިމީހުނާ ހަމަޔަށް އައިހިނދު اللّــــه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދާންކުރާށެވެ. ފަހެ އެހިނދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކެއް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ." (الأحـــــزاب: 9)

ކޮންމެއަކަސް މަހެއްހައިދުވަހުގެ (ބައެއް ރިވާޔަތްތަކުގައި ވިއްސަކަށް ބާވީހަކަށް ދުވަހުގެ) މުޙާޞިރާއަށްފަހު މަދީނާގެ މަސްރަޙުން ހިރަފުސްއޮބި ޖައްވު ސާފުވެއްޖެއެވެ. އަރަހުށި މާތް اللّــــه އެކަމަށް މެދުވެރިކުރެއްވި ސަބަބުތަކުގެ ތެރޭގައި ގަދަފިންޏާއި ބާރުވައިގެ ޠޫފާންތައް ހިމެނެއެވެ. ހަމައެފަދައިން ފޯރުމާލު މަދުވުމަކީވެސް ޢަރަބީންގެ އަޙްޒާބުތަކަށް މަދީނާގެ ރަށްބޭރުގައި ފައިތިލަ ސާބިތުކޮށްގެން ނުތިބެވުމުގެ އެއްސަބަބެވެ. أبـــو ســفـيــان އޭނާގެ ކޮމާންޑުގެ ދަށުގައިވާ ހުރިހައި ލަޝްކަރުތަކަށް އެންގެވިއެވެ. "ފޯރުމާލު ހުސްވެއްޖެއެވެ. ޔަހޫދީން އަހަރެމެންނާ ވަކިވެއްޖެއެވެ. މިފަދަ ދުއްޕާން މޫސުމެއްގައި މުޙާޞިރާ ދެމެހެއްޓުމަކީ ބޭކާރު ކަމެކެވެ." أبـــو ســفـيــان މިހެން ވިދާޅުވެފައި އޭނާގެ ލަޝްކަރަށް ދަތުރު ފެށުމުގެ ބެރުޖަހާން އަންގަވައިފިއެވެ. ޤުރައިޝުންގެ ލަޝްކަރާއެކު غـطـفــان ވަންހައިގެ ލަޝްކަރުވެސް ފިލައިގެން ހިނގައްޖެއެވެ. ޤުރައިޡަތު ވަންހައިގެ މީހުން އެބައިމީހުންގެ އަވަށަށް އެނބުރި އަތުވެއްޖެއެވެ. (ސީރަތުއްނަބިއްޔު، ޢައްލާމާ ޝިބްލީ، ސައްޔިދު ސުލައިމާން)

އަޙްޒާބު ހަނގުރާމަޔަކީ ޖާނީ ގެއްލުންކުޑަ ހަނގުރާމައެކެވެ. އެކަމަކު ވަރުގަދަ ނަފްސިއްޔާތީ ހަނގުރާމައެކެވެ. އެ ހަނގުރާމައިގައި ލޭއޮހޮރުވަނިވި ވަރުގަދަ ކުރިމަތިލުމެއް ހިނގައިފައެއް ނުވެއެވެ. އަރަހުށި މާތް اللّــــه ވަނީ އެފަދަ މަޢުރިކާއެއްގެ ތަކުލީފުން މުސްލިމުން ސަލާމަތް ކުރައްވައިފައެވެ. ކީރިތި ޤުރްއާނުގައި އެބޮޑު ނިޢުމަތް ސިފަކުރައްވައިފައިވަނީ އަންނަނިވި ގޮތަށެވެ.

"ކާފިރުވި މީހުން އެއުރެންގެ ރުޅިވެރިކަމާއެކު اللّــــه (އެއުރެން) ރައްދުކުރެއްވިއެވެ. އެއުރެންނަކަށް އެއްވެސް ހެވެއް ނުލިބުނެވެ. އަދި اللّــــه، މުއުމިނުންނަށް ހަނގުރާމަކުރުން ފުއްދަވައިދެއްވައިފިއެވެ. (އެބަހީ: އެއުރެން ގަދަ ހަނގުރާމައެއް ނުކޮށް އެކަން ނިމިއްޖެއެވެ.) އަދި اللّــــه އީ، ބާރުވެރިވަންތަ، ޢަޒީޒުވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ." (الأحـــــزاب: 25)

ކޮންމެއަކަސް އަހްޒާބު ހަނގުރާމަޔަކީ އިސްލާމީ ތާރީޚުގައި ދައުރެއްގެ ނިޔާކަނޑައަޅައިދިން ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ ސަބަބުންވަނީ މުޝްރިކުންގެ ބުންވަރު އެލިފައެވެ. ބާރުތައް ފުނޑުފުނޑުވެފައެވެ. އެ ހަނގުރާމައިން ސާބިތުވީ މަދީނާގައި މުސްލިމުން ހަދާންފަށައިފައިވާ ކުޑަކުޑަ ހަތަޔަކީ ޢަރަބީންގެ އެއްވެސް ބާރަކަށް ހަލާކުކޮށްލެވޭނެ ހަތައެއް ނޫންކަމެވެ. އެހެނީ އަޙްޒާބު ހަނގުރާމަޔަށް އެއްކުރި ބާރަށްވުރެ ވަރުގަދަ ބާރެއް އެއްކުރުމަކީ ޢަރަބީންނަށް ކުރެވޭނެކަމެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަޙްޒާބު ހަނގުރާމައިން އެނބުރިވަޑައިގެން ޞަޙާބީންނަށް ޙަދީސުކުރެއްވިއެވެ. "ދެނެއް އެއުރެން އަހަރެމެންނާ ހަނގުރާމަޔަކަށް ނާންނާނެއެވެ. ދެން އެއުރެންނާ ހަނގުރާމަޔަށްދާނީ އަހަރެމެންނެވެ. ދެން އެއުރެންނާ ޙަމަލަދޭންދާނީ އަހަރެމެންގެ ލަޝްރަކެވެ." (ޞަޙީޙު ބުޚާރީ: 2/590)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ގެމަށް ވޮޑިގެންނެވިއިރު މުސްލިމުން ނޫން އެހެން ޖަމާޢަތްތަކުގެވެސް ފާހަގަކޮށްލެވޭފަދަ ގިނަ ޢަދަދެއްގެ މީހުން މަދީނާގައި ދިރިއުޅެމުން ގެންދިޔައެވެ. އޭގެތެރެއިން އެއްބަޔަކީ ޔަހޫދީންނެވެ. ޔަހޫދީންގެ ތިންވަންހަކަމުގައިވާ ޤައިނުޤާޢު ވަންހައިގެ މީހުންނާއި ނަޟީރު ވަންހައިގެ މީހުންނާއި ޤުރައިޟަތު ވަންހައިގެ މީހުންނެވެ. އެބައިމީހުންނަކީ ދީނީގޮތުންވެސް ނަސްލީގޮތުންވެސް އަންޞާރުންނާއި މުހާޖިރުންނާ ތަފާތު ބަޔެކެވެ. މިދެންނެވި ދީނާއި ނަސްލު ތަފާތު މީހުންތައް ދިރިއުޅުނީވެސް ގާތްގާތުގައެވެ. އަވަށްޓެރިކަމުގައެވެ. އެހެންކަމުން ރަށުގެ އަމަންއަމާންކަމާ ގުޅޭކަންކަމުގައި އެންމެން އެއްވަލަކަށް މަހައިލެވިގެން މެނުވީ ދިމާވާ މައްސަލަތަކާ ކުރިމަތިލުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެންގެ ލާބައާއި މަންފާއަށްޓަކައި އެ އެންމެން އެއްދިމާޔަކަށް ލަވަމުން ގެންދެވޭނެއޮތީ އެންމެ ގޮތެކެވެ. އެގޮތަކީ އެއިން ކޮންމެ މީހަކަށްވެސް އެމީހެއްގެ އަސާސީ ޙައްޤުތަކާއި ސަޤާފީ ޙައްޤުތަކާއި ދީނީ ޙައްޤުތައް ފުރިހަމަޔަށް ރައްކައުތެރިކޮށްދީ އެކަންކަން ކަށަވަރުކޮށްދިނުމެވެ.

އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުހަނު ދުރަށް ވިސްނުންފުޅު ހިންގަވައި އެކަމަށްޓަކައި ޢަމަލީ ދުސްތޫރެއް އެކުލަވައިލެއްވިއެވެ. އެ ދުސްތޫރު ބައްޓަންކުރައްވައިފައިވަނީ މަދީނާގައި ދިރިއުޅުނު ތަފާތު ޖަމާޢަތްތަކާއި ވިލިތަކުގެ ޠަބީޢަތާއި އެބައިމީހުން ލެނބޭ ގޮތްތައް ފުރިހަމަޔަށް މޭރުންކުރައްވައިގެންނެވެ. ޚާއްޞަކޮށް ދިފާޢީ ކަންކަމުގައި އެކުގައި ބައިވެރިވާން ލާޒިމުވާ ގޮތަށެވެ. ކޮންމެ ބަޔެއްގެވެސް ޠަބީޢީ ޙައްޤުތައް ނުހަނު އިޚްލާޞްތެރިކަމާއެކު ކަށަވަރުކުރެވޭގޮތަށެވެ. ޤަބޫލުކުރެވޭ ގޮތަށެވެ. ރަށުގެ އާބާދީގައި ހިމެނޭ ކޮންމެ ފަރުދަކަށްވެސް ކުޑަވެސް ބިރެއް ފިކުރެއްނެތި ތިމާގެ މަޢީޝަތުގައި މަޝްޣޫލުވެ އުޅެވޭގޮތަށެވެ. ވީހައިވެސް ތަނަވަސް ދިރިއުޅުމެއް ހޯދޭގޮތަށެވެ. ތިމާގެ ދަރީންނަށް އެދެވޭ ތަރުބިޔަތުދީ މުޖްތަމަޢާ ގުޅުންހުރި ކަންކަމުގައި ރިވެތި ގޮތުގައި ބައިވެރިވެ އުޅެވޭގޮތަށެވެ. އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ވިއްޔެއްގެ ޢަޤީދާއާއި އުސޫލުތަކަށް މުނާސަބުނޫން ހުރަސްތަކެއް ކުރިމަތި ނުކުރެވޭގޮތަށެވެ.

މި ފުރިހަމަ ދުސްތޫރުގެ ޒަރީޢާއިން ބިނާކުރެވުނު އިންތިޒާމިއްޔާއިން (ސަރުކާރުން) އެއްވެސް ބައެއްގެ ޖާއިޒު ޙައްޤަކަށް އެއްވެސްއިރަކު ހުރަހެއް ނާޅައެވެ. އަދި ކީއްތޯއެވެ؟ އަބަދުވެސް ގެންދިޔައީ އެކަންކަން ކަށަވަރުކޮށްދެމުންނެވެ. ރައްކައުތެރިކޮށްދެމުންނެވެ. ނަމަވެސް ޔަހޫދީންނަކީ ޔަހޫދީންނެވެ. އެއުރެން ދާދިއަވަހަށް އެބައިމީހުންގެ ޢަހްދު އުވައިލައިފިއެވެ. ނުބައި ނުލަފާ ކަންކަމުގައި އަތްފައި ހޫރާންފަށައިފިއެވެ. ބައެއްފަހަރަށް ޤުރައިޝުންގެ ނުބައި ވަސްވާހުގައި ޖެހިގެންނެވެ. އަނެއްބައިފަހަރު ޔަހޫދީންގެ އިޔަހޫދި ޠަބީޢަތު ލާޒިމުކުރާ ގޮތުގެމަތީންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަރަށް ގިނަފަހަރު ގެންދެވީ އެކަންކަމާ އަޅުއްވައިނުލައްވައި ދޫކުރައްވަމުންނެވެ. އެކިކަންކަން ބައްލަވައި ތަޙްޤީޤު ކުރެއްވުމަށްފަހުވެސް ކުށަކަށް ނުހައްދަވައި މާފުކުރައްވަމުންނެވެ. ނަމަވެސް ދައުލަތުގެ ފުރާނަކަމާއި އައުދާނަކަން ހިފެހެއްޓެވުމަށްޓަކައި ފިޔަވަޅު ނާޅުއްވައި ދޫކޮށް ނުލެއްވޭ ހިސާބަށް ކަންކަން ދިޔުމުން އެކަންކަމާމެދު ފިޔަވަޅު އެޅުއްވިއެވެ. އޭގެ ނަތީޖާއަކީ މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ ތިން ވަންހައިގެ މީހުންނަށް މަދީނާއިން ބޭރުވާންޖެހުމެވެ. ޢަރަބިކަރައިގައި ޔަހޫދީން ހަދައިފައިހުރި އެހެނިހެން ހާލިތައްވެސް ރޫޅައިލާން އިސްލާމީ ދައުލަތަށް މަޖްބޫރުވުމެވެ. ތިރީގައި މިދަންނަވަނީ އެކަންކަން ހިނގިގޮތުގެ ކުރު ޚުލާޞާއެކެވެ.

ހ. ޤައިނުޤާޢުވަންހައިގެ ހަނގުރާމަ

އިސްވެދެންނެވި ފަދައިން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު ވަނީ މަދީނާގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށްޓަކައި މަދީނާގެ އަހްލުވެރީންގެ މެދުގައި ނުހަނު އިންސާފުވެރި އެއްބަސްވުމެއް އެކުލައްވަވާލައްވައިފައެވެ. އިސްލާމީ ދައުލަތުން އެ މުޢާހަދާގެ ފިއްޔަކާ ނުވަތަ އަކުރަކާވެސް ޚިލާފެއް ނުވެއެވެ. އިސްލާމީ ދައުލަތުން އެ މުޢާހަދާޔަށް ޢަމަލުކުރައްވަމުން ގެންދެވިކަމުގައިވިޔަސް ޔަހޫދީންނަކަށް އެ ޢަހްދުގެ މައްޗަކު ދެމިއެއް ނުތިބެވުނެވެ. ޔަހޫދީންނަކީ ޣަދަރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ވަޢުދާ ޚިލާފުވުމުގެ ހާދިސާތަކުގެ ވާހަކަތަކުން އެބައިމީހުންގެ ތާރީޚު ފުރިފައިވާ ބަޔެކެވެ. ޔަހޫދީންނަކަށް އެބައިމީހުން އިސްލާމީ ދައުލަތާއެކު ސޮއިކޮށްފައިވާ މީޘާޤުގެ މައްޗަކުވެސް މާގިނަދުވަހަކު ދެމިއެއް ނުތިބެވުނެވެ. ދާދިއަވަހަށް އެބައިމީހުންވަނީ އެބައިމީހުންގެ މުސްކުޅި އާދަޔާ އެއްގޮތަށް އެނބުރިގެންފައެވެ. މުސްލިމުންގެ ސަފުތައް ރޫޅައިލައި ބައިބައިކުރުމާއި މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކާ ޖައްސައި ދެކޮޅުވެރިކަން ހިލުވައިލައި ހަނގުރާމަކުރުވާން މަސައްކަތް ފަށައިގެންފައެވެ. އިސްވެދިޔަ ޞަފުޙާތަކުގައި އަޅުގަނޑުވަނީ އޭގެ މިސާލެއް ބަޔާންކޮށްފައެވެ. އަޅުގަނޑު ގެނެސްދީފައިވަނީ ޔަހޫދީ ޢިލްމުވެރީންކުރެ އަބަހައްދަވެ ކަށްވަޅަށް ދެފައި ބައިލައިގެން އިން އަޖޫޒު މީހެއްކަމުގައިވާ شــاش بــــن قيـس އަންޞާރިއްޔަ ބޭކަލުންގެ މެދުގައި ރޯކޮށްލި ފިތުނައިގެ ހުޅުގަނޑެއްގެ ވާހަކައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ ކުރީންވެސް ދެންނެވި ފަދައިން ނުހަނު ޙިކުމަތްތެރިކަމާއެކު ނުހަނު އޮމާންކޮށް އެ މައްސަލަ ޙައްލުކުރައްވައިފައެވެ. ޔަހޫދީންނާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ.

(ނުނިމޭ)