މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ ނިސްބަތް 9،353.40 ރުފިޔާ އަށް މަތިކޮށްފިއެވެ.
އެންމެ ފަހުން މި އަހަރުގެ ޖެނުއަރީ 11 ގައި ޒަކާތު ހައުސް އިން ނެރުނު މުދަލު ޒަކާތުގެ ނިސާބަކީ 7،140 ރުފިޔާއެވެ. ނަމަވެސް މިމަހުގެ 22 ގައި ނެރުނު މުދަލު ޒަކާތުގެ ނިސާބަކީ 9،353.40 ރުފިޔާއެވެ.
ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ދިވެހިރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.
ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މަރުކަޒީ ބެންކު (މޯޑިވްސް މަނިޓަރީ އޮތޯރިޓީ) އިންނެވެ. ނިސާބު ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި އިއުލާން ކުރެއެވެ.
އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާއެކު ތަފާތުވެއެވެ. ޒަކާތް ނެރުން ވާޖިބު ވާނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން 1 (އެކެއް) އަހަރު ހަމަވުމުންނެވެ.
ޒަކާތް ދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިސާބު ތަފާތުވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ޖުލައި 19 ގައި މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންގެ ލިސްޓްގައި ތިބި 7،657 މީހުންނަށް، ބޮލަކަށް 3،500 ރުފިޔާގެ ރޭޓުން ޖަމާކުރި ކަމަށެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26,799,500 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު