މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރައިން އިއްޔެ އެމަގާމުން އިސްތިއުފާ ދެއްވއި އެ ބޯޑަށް ސިޓީ ފޮނުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ އިއްޔެ އިސްތިއުފާ ދެއްވި އިރު، އިސްތިއުފާ ދެއްވި ސަބަބެއް ޔަގީނެއް ނޫނެވެ.

ނޫރައިންއަކީ ރައީސް މުހައްމަދު މުއިއްޒުގެ ޓްރޭޑް އަދި އިންވެސްޓްމަންޓާ ގުޅޭ ގޮތުން ލަފާއެރުވުމަށް ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓަށް އައްޔަން ކުރައްވާފައިވާ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ. ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ.

ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ ނިއުޒިލެންޑްގައި އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް އަދާކުރައްވައިފައެވެ.