ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖުގެ މަސައްކަތުގެ 9 ޕަސަންޓު ނިންމާލައިފިއެވެ،
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓެކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތުގެ 37.71 ޕަސަންޓު ނިންމާލައިފައިވާ ކަމަށެވެ.
"މާލެ އާއި ވިލިމާލެ ގުޅުވައި އަންނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ" އޭނާ ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއު އެއްކޮށް ނިންމޭނެ ކަމަށް ލަފާ ކުރެވޭ ތާރީހަކީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
ބުރިޖުގެ މަސައްކަތް ފުރަތަމަ ފެށިގެން ދިޔައީ ޕްލޭނާ އެއްގޮތަށް ނަމަވެސް، އެ މަސައްކަތަށް ބޮޑު ލަސްވުމެއް އައިސް، ނިންމަންޖެހޭ އާ ތާރީހު ކަނޑައަޅައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ގައި ވަނީ ސަޕްލިމެންޓަރީ އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ.
އެ އެގްރީމެންޓުގައިވާ ގޮތުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ. އެގޮތުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 އެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެ ބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު