ލިވަޕޫލަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބު ކަމަށާއި އެ ކްލަބަށް ނޫނެކޭ ބުނުމަކީ ނުވާނެ ކަމެއް ކަމަށް އެ ކްލަބާ އަލަށް ހަވާލުވި ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލިވަޕޫލްގައި ކާމިޔާބު އެތައް އަހަރުތަކެއް ހޭދަކުރުމަށްފަހު ޔާގަން ކްލޮޕް އެ ކްލަބާ އަލަވްދާއުކީ މިދިޔަ އާދީއްތަ ދުވަހުއެވެ. ލީގުގެ ފަހު މެޗަށްފަހު ލިވަޕޫލާ އަލްވަދާއު ކީ ކްލޮޕް އެންފީލްޑްގައި ހުރެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ސްލޮޓަށް މަރުހަބާ ކިޔާފައިވެއެވެ.

އުމުރުން 45 އަހަރުގެ ސްލޮޓް. ފެޔެނޫޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރަށެވެ. އެހެން ނަމަވެސް، ލިވަޕޫލްގެ ހުށަހެޅުމާއެކު ސްލޮޓް ވަނީ ލިވަޕޫލަށް ބަދަލުވާން އެއްބަސްވެފައެވެ. ސްލޮޓް ދޫކޮށްލަން ފެޔެނޫޑުން އެއްބަސްވީ، 9.4 މިލިއަން ޕައުންޑްގެ އަގަކަށެވެ. ސްލޮޓް ލިވަޕޫލާއެކު އެއްބަސްވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ލިވަޕޫލުން ސްލޮޓް މަގާމާ ހަވާލުވިކަން ޔަގީން ކޮށްދީފައިވާ އިރު، އޭނާ ބުނީ ލިވަޕޫލް ކަހަލަ ކްލަބަކުން ހުށަހެޅުމެއް ލިބުމުން ނޫނެކޭ ނުބުނެވޭނެ ކަމަށެވެ.

"ކުރިން ހުރި ކްލަބެއް ދޫކޮށް، އާ ކްލަބަކަށް ދިޔުމަކީ ފަސޭހަ ކަމެއް ނޫން. ކްލަބެއްގައި ބުރަކޮށް ކުރި މަސައްކަތެއް ދޫކޮށް، ކޮންމެ ކޮންމެ ކްލަބަކަށް ނުވެސް ދެވޭނެ. އެހެން ނަމަވެސް، ކުޅިވަރަށް ލޯބިކުރާ މީހުން ޖެހޭނެ ލިބޭ ފުރުސަތުތައް ބޭނުންކުރަން. ލިވަޕޫލަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު. ލިވަޕޫލަށް ނޫނެކޭ ނުބުނެވޭނެ. ލިވަޕޫލަކީ ހާއްސަ ކްލަބެއް،" ސްލޮޓް ބުންޏެވެ.