ތައިލެންޑުގައި ބާއްވާ 18 ވަނަ "އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން" ގައި ބައިވެރިވުމަށް މިފްކޯގެ ޓީމެއް އިއްޔެ ތައިލެންޑަށް ފުރައިފިއެވެ.

އެ ކޮންފަރެންސަކީ ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި މަހުގެ ބާވަތްތައް ޕްރޮސެސްކޮށް، މާކެޓްކޮށް އަދި ވިއްކުމުގެ ވިޔަފާރިކުރާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ޓޫނާ ކޮންފަރެންސްއެވެ. އެ ކޮންފަރެންސް ކުރިއަށް ގެންދަނީ އިއްޔެއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ތައިލެންޑުގެ ޝަންގްރިއްލާ ހޮޓެލުގައެވެ.

މިފްކޯގެ ފަރާތުން އެ ކޮންފަރެންސްގައި ބައިވެރިވުމަށް ތައިލެންޑަށް ވަޑައިގެންނެވީ ސީއީއޯ އަހްމަދު ޝަމާހު ރަޝީދާއި އެ ކުންފުނީގެ ބައެއް އިސްވެރިންނެވެ.

ޝަމާހު ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރާނެ އާ ގޮތްތައް ހޯދުމާއި މަސްވެރިންނަށް ދޭ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ބެލުން ކަމަށެވެ.

މިފްކޯގެ އަމާޒަކީ މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުން ކަމަށް ޝަމާހު ވިދާޅުވިއެވެ. މިފްކޯގެ މަސައްކަތް ވެސް ހަރުދަނާ ކުރެވޭނީ މަސްވެރިންނާ ގާތުން މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯގެ އުފެއްދުންތައް އިންޓަނޭޝަނަލް މާކެޓަށް އިސްތިހާރު ކުރުމާއި އުފެއްދުންތަކަށް އާ ކަސްޓަމަރުން ހޯދުމަށް މި ފެއާގައި މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް ޝަމާހު ވިދާޅުވިއެވެ.

"އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން" ކޮންފަރެންސްގައި މަސްވެރިކަމުގެ ސިނާއަތުގެ އިންޑަސްޓްރިއަލް ޕްރޮޑަކްޝަންގައި ހުރި ގޮންޖެހުންތައް ހިއްސާކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވަރިކަން ކުރުމުގެ މުހިންމުކަމާއި މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާނެ ގޮތްތައް ވެސް ބައިނަލްއަގްވާމީ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.