އިރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރަވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން އެ ހެލިކޮޕްޓަރު ވެއްޓުނީ އިރާން އާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށެވެ. ރައީސީއާ އެކު އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބުދުالله ހިއަން އަދި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ އަދި އިތުރު ބޭފުޅަކު ތިއްބެވިއެވެ.
އީރާންގެ ރެޑްކްރެސެންޓު ސޮސައިޓީގެ ހެޑް ޕިރް ހުސެއިން ކޮލިވާޑް އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި ހެލިކޮޕްޓަރު ފެނުނު އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހަކު ދިރިހުރިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސީ އަވަހާރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށާއި ރައީސީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހާދިސާގައި އަވަހާރަވި ހާރިޖީ ވަޒީރު އަބްދުﷲ އާއި އެހެން ފަރާތްތަކުގެ ފުރާނަފުޅަށް ބަރަކާތް ލައްވައި ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
"ހިތާމައިގެ މި ދަނޑިވަޅުގައި، އީރާނުގެ އާއިލާތަކާއި ރައްޔިތުންނާއެކު، އަޅުގަނޑުމެންގެ ހެޔޮ ދުއާ ވޭ" ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ރައީސީ ރިޔާސަތަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުގެ އިންތިހާބުގައި ކުރި ހޯއްދަވައިގެންނެވެ. ކުރިން އެއީ އުއްތަމަފަނޑިޔާރެވެ. އުމުރުފުޅަކީ 64 އަހަރެވެ. ރައީސީގެ ސިޔާސީ ހަޔާތް ފެއްޓެވީ 1979 ވަނަ އަހަރު އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަށްފަހުއެވެ.
ރައިސީ ވަނީ 1989 އިން 1994 އަށް ތެހެރާނުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާ ކުރައްވައިފައެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ޖުޑީޝަލް އޮތޯރިޓީގެ ޑެޕިއުޓީ ޗީފްގެ މަގާމު އަދާކުރައްވައިފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ގައުމީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ އަދާކުރައްވައިފައެވެ.
ރައީސީ ވަނީ 2016 ވަނަ އަހަރުން ފެށިގެން މަޝްހާދުގައި ހުންނަ އިމާމް ރެޒާގެ ޒިޔާރަތް ބެލެހެއްޓުމާއި ސިނާއީ އަދި މުދަލުގެ ގިނަ އެސެޓުތަކެއް ކޮންޓްރޯލްކުރާ ޗެރިޓަބަލް ފައުންޑޭޝަނެއްގެ އިސްވެރިއަކަށް ވެސް ހުންނަވައިފައެވެ. އަދި އޭގެ ފަހުން ޖުޑީޝަލް އޮތޯރިޓީގެ ވެރިޔާގެ މަގާމާއި ރޫހާނީ ލީޑަރު ހޮވާ އެކްސްޕާޓުންގެ ކައުންސިލް ނުވަތަ މަޖިލިސް ހޮބްރިގާން ރަހުބަރީގެ މެންބަރު ކަންވެސް ކުރައްވައިފައެވެ. މިއީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
ރައީސަކު މަގާމުގައި ހުންނަވަނިކޮށް އަވަހާރަވެއްޖެނަމަ ދެން އެމަގާމަށް ވަޑައިގަންނަވާނީ އެއްވަނަ ނާއިބުރައީސެވެ. ރޫހީ ލީޑަރުގެ ރުހުން އޮތްނަމައެވެ. އެމަގާމުގައި މިވަގުތު ހުންނެވީ ޑރ. މުހައްމަދު މުޚްބަރެވެ. އީރާނުގައި ހުންނަވަނީ އެންމެ ނާއިބުރައީސެއް ނޫނެވެ. އެކި ދައުރުގައި އެކިވަރަށް ތިއްބަވައެވެ. މި ދައުރުގައިވެސް އެގާރަ ބޭފުޅުން އެބަތިއްބެވިއެވެ. އަންހެނަކުވެސް ހިމެނޭގޮތުންނެވެ. މީގެތެރެއިން އިސްބޭފުޅަކީ އެއްވަނަ ނާއިބުރައީސެވެ. ފަސްޓް ވައިސް ޕްރެޒިޑެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު