އަލްޓެކް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ފޯރުކޮށްދީފައިވާ ތަކެއްޗަށް ދައްކަން ޖެހި ނުދައްކާ އޮތް 744،317 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އަލްޓެކުން ފެނަކަ އަށް ފޯރުކޮށްދީފައިވާ ތަކެއްޗަށް ދައްކަންޖެހޭ ފައިސާއާއި އެ ފައިސާ ދެއްކުން ލަސްވުމުން ދައްކަންޖެހޭ ސާޗާޖާއި އެ ފައިސާ ހޯދުމަށް މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ވަކީލުންނަށް ހަރަދުކުރަން ޖެހުނު ފައިސާ ހޯދުމަށް އެދި އަލްޓެކްގެ ފަރާތުން ފެނަކައިގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި ދައުވާއާ ގުޅިގެން ފެނަކަ އިން ބުނެފައި ވަނީ އެ ދައުވާގެ އެއްބަޔަށް އެއްބަސްވާ ކަމަށެވެ. އެގޮތުން އަލްޓެކުން ހޯދުމަށް އެދިފައިވާ 748،734 ރުފިޔާގެ ތެރެއިން 29،416 ރުފިޔާ ދައްކާފައިވާ ކަމަށާއި އެހެންކަމުން އެ ފައިސާ އުނިކޮށް 719،317 އަކީ އެތަނުން ނެގި މުދަލުގެ އަގަށް ނުދައްކާ އޮތް ފައިސާ ކަމާމެދު އެއްބަސްވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ފެނަކައިގެ އެ ހުށަހެޅުމަށް އަލްޓެކުން ވަނީ އެއްބަސްވެފައެވެ.
ނަމަވެސް އެ ފައިސާ ނުދައްކައިގެން ލިބުނު ގެއްލުމަށް ސާޗާޖުގެ ގޮތުގައި 6.4 މިލިއަން ހޯދުމަށާއި އެ މައްސަަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ހޯދުމަށް އަލްޓެކުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގައި ސާޗާޖުގެ ވާހަކަ ނެތުމާއި އެހެން ބައެއް ސަބަބުންތައް ހުރުމުން ސާޗާޖުގެ ގޮތުގައި ނަގައި ދިނުމަށް އެދިފައިވާ ފައިސާއަކީ ނަގައިދެވޭނެ އެއްޗެއް ނޫން ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ނަމަވެސް ކޯޓުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދުނު 25،000 ރުފިޔާއާއި އެ ކުންފުންޏަށް ދައްކަން ޖެހި ނުދައްކާ އޮތް 719،317 ރުފިޔާ އާއެކު ޖުމުލަ 744،317 ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަލްޓެކަށް ދެއްކުމަށް ކޯޓުން ވަނީ ފެނަކައިގެ މައްޗަށް ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު