ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ބަޔާން ލެވަކޫސަންއިން ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި އޯސްބާގު ބަލިކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ލެވަކޫސަންއިން އޯސްބާގު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މުޅިން އަލަށް މި ސީޒަނުގައި ލީގު ހޯދި ޒަބީ އޮލޯންސޯގެ ލެވަކޫސަންއިން ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 28 މެޗުން އެޓީމު މޮޅުވިއެވެ. އެއްވަރުވީ އެންމެ ހަ މެޗުންނެވެ. ފައިދާ 65 ގޯލާއެކު ލެވަކޫސަންއިން ލީގު ނިންމާލި އިރު، އެޓީމު ކޮޅަށް ވަނީ އެންމެ 24 ގޯލެވެ. މި ސީޒަނުގެ ލީގުގައި ލެވަކޫސަންއިން ވަނީ 89 ގޯލު ޖަހައިފައެވެ. މީގެ ކުރިން ބަންޑަސްލީގާ ޓީމަކަށް ބަލިނުވެ ސީޒަނެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަންއިން ދެ ގޯލު ޖަހާފައިވެއެވެ. އެޓީމުގެ ފުރަތަމަ ގޯލު ވިކްޓޯ އޮކޯ ބޮނިފޭސް ޖެހި އިރު، އަނެއް ގޯލު ޖެހީ ރޮބާޓް އަންޑްރިޗެވެ. ދެވަނަ ހާފުގައި އޯސްބާގުގެ ހަމައެކަނި ގޯލު ޖެހީ މާޓް ކޯމޫރެވެ.

ސީޒަނުގައި މިހާތަނަށް ކުޅުނު 51 މެޗުންވެސް ލެވަކޫސަން ބަލިވެފައިނުވާ އިރު، އެއީ ޔޫރަޕްގެވެސް ރެކޯޑެކެވެ. ކުރިން އެ ރެކޯޑު ހަދާފައި އޮތީ، 59 ވަނަ އަހަރު ކުރިން ބެންފިކާއެވެ. 1963 އިން 1965 އާ ދެމެދު ބެންފިކާއިން ވަނީ 49 މެޗު ބަލިނުވެ ހިފަހައްޓާލައިފައެވެ.

އެ ރެކޯޑު ލެވަކޫސަންއިން މުގުރާލާފައިވާ އިރު، އެޓީމަށް ސީޒަނުގައި ބާކީ ދެން އޮތީ ދެމެޗެވެ. އެއީ ޖަރުމަނު ކަޕް ފައިނަލާއި ޔޫރޮޕާ ލީގުގެ ފައިނަލެވެ. އެ ދެމެޗުން މޮޅުވެ، ލެވަކޫސަންއަށް ސީޒަން އެއްކޮށް ބަލިނުވެ ނިންމާލަން ފުރުސަތު އެބައޮތެވެ. މީގެ ކުރިން ޔޫރަޕްގައި ޓީމަކުން، އެއްވެސް މެޗަކުން ބަލިނުވެ ތިން ތަށި ހޯދާފައެއް ނުވެއެވެ.