މާލޭ އާ ސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް 2.7 މިލިއަން ރުފިޔާއަށް ހައިމަން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

މާލެ ސިޓީކައުންސިލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މާލެ ސިޓީކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ސެކެޓްރީ ޖެނެރަލް ވަޖީހު ނަސީރުއެވެ. ހައިމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މުހައްމަދު އައިމަންއެވެ.

އާސަހަރާގެ ފިނިޝިން މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ މިދިޔަ އަހަރު ތެރޭގައި ކުރި އިއުލާނެއްގެ ދަށުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތެކެވެ.

އާސަހަރާ މިސްކިތުގެ މަރާމާތަށް އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މެއި، 2023 ގައެވެ.

އާސަހަރާ މިސްކިތުގައި ޖާގަ އިތުރުކޮށް ނިމުމުން އަންހެނުން ނަމާދު ކުރުމަށް ބޭނުން ކުރާ ޖާގަ ބޮޑުކުރުމަށް ވަނީ ނިންމައިފައެވެ. އަދި އަންހެނުންނަށް ހާއްސަ ވުޟޫ ކުރާތަނެއްވެސް މަރާމާތުކޮށް ޖާގަ އިތުރުކުރުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން މަރާމާތުކުރާ އިރު ވެއިޓިން އޭރިޔާއަކާއި އަދި މަޑުކޮށްލާނެ ކުދި ކޮޓަރިތަކެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.