ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި އެ ކުންފުނީގެ ޗެއާޕާސަން ނޫރައިން މުހައްމަދު އަލީ ޖަނާހު ބައިވެރިނުކުރާން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެންގެވި ކަމަށް ބުނެ ފަތުރާ ވާހަކަ ފައިސަލް ދޮގުކުރައްވައިފިއެވެ

އެމްއެމްޕީއާރުސީން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރުމަށް ފައިސަލް އެންގެވި ކަމަށް ބުނެ ހަބަރެއް ޖެހީ ޗެނަލް 13 އިންނެވެ.

އެ ހަބަރު ދޮގުކުރައްވައި ފައިސަލް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެ ކަމަށެވެ.

"އިންތިޒާމުކޮށް ރޭވިގެން މި ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓުކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް،" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެންވެސް އޭނާ ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑާޝިޕްގައި ތިބި ފަރާތްތަކާމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށްވެސް ވިދާޅުވިއެވެ.