އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުފަތުރު ކުރުމުގައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް (އެންޑީއެމްއޭ) އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަވެފައިވޭތޯ ޔަގީން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މާލެއާއި ހުޅުމާލެ ބުރިޖުން ދަތުރުކުރާ މީހުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ފުރާޅު ވަޔާ އެއްލައިނުލާނެ ގޮތަކަށް ހަދައި, ގަދަ ވައިގައި އެއްލާލަފާނެ އެހެން ތަކެތި ވެސް ބަނދެ ރައްކާތެރިކުރަން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކުން، ގަސްގަހާގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވާ ކަނޑައިގެން ނުދާނެ ގޮތަކަށް އައްސާފައި ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި، ގުގުރައި އަދި ގަޑިއަކު 19 މޭލާއި 25 އާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގަދަ ވައިގެ ސަބަބުން ސިނަމާލެ ބުރިޖުން ދަތުރުކުރުމަށް އުނދަގޫތަކެއް ހުރި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސަން ދިޔަ ދެ މަތިންދާބޯޓެއް ވެސް ދަތިތަކެއް ދިމާވުމުގެ ސަބަބުން ވަނީ "ގޯ އެރައުންޑް" ހަދައިފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިތުރު މަތިންދާބޯޓަކަށް ވަނީ ގޯ އެރައުންޑް ހެދުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު