ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި މިވަގުތު ބޮޑަށް އިސްކަން ދެއްވަނީ ރާއްޖެއަށް ހިލޭ އެހީ ފޯރުކޮށްދިނުން ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސޮވެރިން ގެެރެންޓީ ހިމެނޭ ގޮތަށް ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީޑިއާއާ އެކު ސަފީރު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި ޗައިނާއިން ނަގާފައިވާ ލޯނުތައް ރީ-ސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނުވަތަ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހެދުމުގެ ވިސްނުން ޗައިނާއިން ގެންގުޅޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަފީރު ވިދާޅުވީ، ލޯނުތައް ރީ-ސްޓްރަކްޗާ ކުރުމަށް ނުވިސްނަވާ ކަމަށާއި އެކަން ކޮށްފި ނަމަ ޗައިނާއިން އިތުރަށް ފައިސާ ހޯދަން ރާއްޖެއަށް އުނދަގޫވާނެ ކަމަށެވެ.

ސަފީރު ވިދާޅުވީ، ލޯނުތައް ރީ-ސްޓްރަކްޗާ ނުކުރި ނަމަވެސް ލޯނުތައް އަނބުރާ ދެއްކުން ފަސޭހަ ކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ދަރަނި އިތުރަށް ބޮޑު ނުވާނެ ގޮތަކަށް އަމަލު ކުރުމަކީ ޗައިނާގެ ސިޔާސަތު ކަމަށެވެ.

"މިހާރު ޗައިނާ އިން ރާއްޖެއަށް ދޫކުރަނީ ގްރާންޓްސް. އިސްކަންދެނީ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭން، ރާއްޖޭގެ ދަރަނި ބޮޑު ކުރާކަށް ނޫން،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، ޗައިނާއިން ހިލޭ އެހީގެ ދަށުން ގިނަ ކަންކަން ކޮށްދިން ނަމަވެސް، ރާއްޖެއަކީ އިގުތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އޮތް ގައުމަކަށްވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ، ރާއްޖޭގެ ސިނާއަތްތައް ޑައިވާސިފައިކޮށް އާމްދަނީ އިތުރުކުރުމަށް ކަމަށް ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، ޗައިނާގެ އުންމީދަކީ ރާއްޖެއަކީ އެހެން ގައުމުތަކުގެ މާލީ އެހީތެރިކަމަށް އެދެން ނުޖެހޭ ފަދަ ގައުމަކަށްވުން ކަމަށެވެ.