(10 މެއިގެ އަދަދާ ގުޅޭ)

އެކަމަކު މާތް اللّــــه ގެ ރަޙްމަތްފުޅާއެކު އެ ހަނގުރާމަޔަށްފަހު ޤުރައިޝުންނާއި އިސްލާމްދީނުގެ އެހެނިހެން ދުޝްމިނުންގެ ބާރުތައްވަނީ ކަފާސްވެފައެވެ. މުސްލިމުން އެހައިތަނުންވަނީ ދުޝްމިނުންނާ ކުރިމަތިވުމުގައި ދިފާޢީ ޕޮލިސީ ދޫކޮށްލައި ދުޝްމިނުން ގިއްގަޅުވައި އިނދަޖައްސައިލުމަށްޓަކައި ކުރިޔަށް ނުކުމެ ފިޔަވަޅު އެޅުމުގެ ސިޔާސަތު ޚިޔާރުކޮށްފައެވެ.

އަޙްޒާބު ހަނގުރާމައިގެ ފަސްމަންޒަރަށް ބަލާއިރު އެހަނގުރާމައިގެ އެންމެބޮޑު ސަބަބަކަށް ވެފައިވަނީ ޔަހޫދީންގެ ޣަދަރުވެރިކަމެވެ. بــنـــوالــنّـضـيـــر ވަންހައިގެ ޔަހޫދީންގެ މަސައްކަތެވެ. نــضـيـــر ވަންހައިގެ ޔަހޫދީން މަދީނާއިން ބޭރުކޮށްލެއްވުމުން އޭގެތެރެއިން ޚައިބަރަށްގޮސް ފޭބިމީހުންގެ މަސައްކަތެވެ. އެބައިމީހުން ޚައިބަރުގައިތިބެ ގެންދިޔައީ ޙާލަތު އުދައަސްތަވާގޮތް ފަރުވާތެރިކަމާއެކު ބަލަމުންނެވެ. އެބައިމީހުންނަށް އެނގުނީ އުޙުދު ހަނގުރާމައިގެ ސަބަބުން މުސްލިމުންނަށް ތަންކޮޅެއް ސަހަލު ދުވަސްތަކެއް ކުރިމަތިވެފައިވާކަމެވެ. ޤުރައިޝުންނަށް ފަތަޙަ ނުހޯދުނުކަމުގައިވިޔަސް ބަދުރުގެ ޒަޚަމް ހިސާބަކަށް ފުރިއްޖެކަމެވެ. ޔަހޫދީންގެ ބޮޑުން ނިންމީ އެވަގުތަކީ މުސްލިމުންނަށް އިތުރު ތުރާތަކެއް ކުރިމަތިކުރުވުމުގެ ފުރުސަތެއް ކަމުގައެވެ. ޔަހޫދީންގެ ބޮޑުންކުރެ ســــلام بــــن أبـــى الحـقـيـق އާއި ســــلام بــــن مشكـــم އާއި حُــيَـيُّ بــن أخطب އާއި كـنـــانـــة بـــن الــرّبـيــع އާ އިސްވެތިބެ ވަފުދެއް ހަދައިގެން މައްކާއަށްދާން އަވަސްވެގަތެވެ.

އެބައިމީހުން އެންމެފުރަތަމަ ދިޔައީ بــنــــووائــل ގެ މީހުންގެ ގާތަށެވެ. އެވަންހައިންވެސް هــــــوزة بـــن قـيس އާއި أبــــوعـمّـــارة އާއި އަދި އެނޫންވެސް ބޮޑުންގެ ބޔަކު އެބައިމީހުންނާ ބައިވެރިކޮށްގެން ވިހިމީހުންގެ ވަފުދެއް ހަދައިގެން މައްކާއަށް ހިނގައްޖެއެވެ. އެ ޖަމާޢަތުން ޤުރައިޝުންނަށް ވިސްނައިދިނީ އެވަގުތަކީ މަދީނާއަށް ޙަމަލަދޭން ވަރަށް މުނާސަބު ވަގުތެއްކަމެވެ. ޤުރައިޝުން އިސްނަގައިފިކަމުގައިވާނަމަ އެބައިމީހުން އެހީވެދޭނެކަމާއި އިތުރު އެތައްބަޔަކު ބައިވެރިކުރުވާނެކަމެވެ. ޤުރައިޝުން ތިބީ އެފަދަ ފުރުސަތަކަށް ބަލަބަލައެވެ. ޤުރައިޝުންގެ އާނބަސް ހޯދައިގެން ޔަހޫދީންގެ ވަފުދު ދިޔައީ غـطـفــان ވަންހައިގެ މީހުންގެ ގާތަށެވެ. غـطـفــان ވަންހައިގެ މީހުން ހައްލައިލީ ޚައިބަރުން ލިބޭ މަޙާސިލް (ޓެކްސް) ގެ ދެބައިކުޅައެއްބައި އަބަދުވެސް ދެމުންގެންދާނެކަމުގެ ޔަޤީންކަން ދީގެންނެވެ. بــنــــوأســــد އަކީ غـطـفــان ވަންހައިގެ ޙަލީފުންނެވެ. އެހެންކަމުން غـطـفــان ވަންހައިގެ މީހުން بــنــــوأســــد އަށް އަވަހަށް ލަޝްކަރާއިގެން އަންނާން ޚަބަރު ފޮނުވައިފިއެވެ. بــنــــوسُــلَـيــم ވަންހަޔާއި ޤުރައިޝު ވަންހަޔަކީ ތިމާގެކަމުގެ ގުޅުން އޮންނަ ދެވަންހައެވެ. އެ ގުޅުމުގެ ސަބަބުން بــنــــوسُــلَـيــم ވެސް ބައިވެރިވެއްޖެއެވެ. بــنــــوسـعــد އަކީ ޔަހޫދީންގެ ޙަލީފުންނެވެ. އެހެންކަމުން سـعــد ވަންހައިގެ މީހުންވެސް ހަނގުރާމައިގައި ބައިވެރިވެއްޖެއެވެ. މިގޮތުން ޢަރަބި ޤަބީލާތަކުން އެއްބައިވެގެން މަދީނާއާ ދިމާޔަށް ފިރުކިގަތް ލަޝްކަރުގެ ޢަދަދަކީ ދިހަހާހެވެ. އެދުވަސްވަރު މަދީނާގެ މުޅި އާބާދީގައިވެސް (ހަނގުރާމަވެރި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންވެސް ހިމެނޭގޮތަށް ފައިއިނދޭ ފުރައިން އެންމެން ހިމަނާއިރުވެސް) ދިހަހާސް ހަމައެއް ނުވެއެވެ.

މި ބިޔަ ލަޝްކަރު ޙަރަކާތްކުރަމުންއައީ މުސްތަޤިއްލު ތިން ލަޝްކަރަކަށް ބެހިގެންނެވެ. غـطـفــان ވަންހައިގެ ލަޝްކަރާއި بــنــــوأســــد ގެ ލަޝްކަރާއި ޤުރައިޝުންގެ ލަޝްކަރެވެ. غـطـفــان ވަންހައިގެ ކޮމާންޑަރަކީ عُـيـــيــنــة بــــن حصــن الــفــــزارى އެވެ. أســــد ވަންހައިގެ ކޮމާންޑަރަކީ طُـلَـيْحَـــة އެވެ. ޤުރައިޝުންގެ ވެރިޔަކީ އަދި ގުޅިފައިވާ ލަޝްކަރުތަކުގެ ކޮމާންޑަރ އިން ޗީފަކީ أبـــو ســفـيــان بـــن حــــــرب އެވެ. މި ލަޝްކަރުތައް މަދީނާއަށް އަރައިގަންނާން އައުމުން މަދީނާގެ ޙާލަތު އޮތްގޮތުގެ ތަސްވީރެއްވަނީ ކީރިތި ޤުރްއާނުގައި ކުރައްސަވައިދެއްވައިފައެވެ. الأحـــــزاب ســورة ގެ ދިހަވަނަ އާޔަތާއި އެގާރަވަނަ އާޔަތުގައެވެ. އާދެ، އެވަގުތު އަރަހުށި މާތް اللّـــه މުއުމިނުން އިމްތިޙާނުކުރެއްވިއެވެ. އަދި ގަދަވެގެންވާ ގުޑުމަކުން އެއުރެންނަށް ގުޑުން އަރައިގެންދިޔައެވެ. އާދެ، އެއުރެންގެ ސާބިތުކަން ގެއްލި އެގޮތްމިގޮތްވިއެވެ. (الأحـــــزاب: 11)

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖުރަކުރެއްވިއިރު މަދީނާގައި ވަޒަންވެރިވެގެންތިބި ޔަހޫދީ ޤަބީލާތަކުގެ ތެރެއިން އެހައިތަނަށް އައިއިރު މަދީނާގައި ދެމިތިބީ قـــــريـظــة ވަންހައިގެ މީހުން އެކަންޏެވެ. އެބައިމީހުން އެހައިތަނަށްތިބީ ވަކިފަރާތަކަށް ނުޖެހިއެވެ. ނަމަވެސް ޢަރަބި ލަޝްކަރުތައް މަދީނާއަށް އައުމާއެކު އެލަޝްކަރުތަކާއެކުގައި އައި ޔަހޫދީންގެ ރައީސުން قـــــريـظــة ވަންހައިގެ މީހުންނަށް ވަސްވާސްދީ ހައްލައިލައިގެން ހަނގުރާމައިގައި އެބައިމީހުނާ ބައިވެރިކުރުވަން މަސައްކަތް ފަށައިގަތެވެ. ޚާއްޞަކޮށް އެމަސައްކަތުގައި އިސްވެތިބީ نـضـيــــر ވަންހައިގެ ބޮޑުންނެވެ.

قـــــريـظــة ވަންހައިގެ ރައީސު كــعب بـــن أســــد އާ ބައްދަލުކުރާންދިޔައީ نـضـيــــر ވަންހައިގެ ރައީސު حُــيَـيُّ بــن أخطب (أمّ المـــؤمــنــيـــن السّـــيّـدة صفـــيّـــة ގެ ބައްޕަ) އެވެ. ނަމަވެސް كــعب އެންމެފުރަތަމަ حُــيَـيُّ އާ ބައްދަލުކުރާކަށެއްވެސް އެއްބަހެއް ނުވިއެވެ. حُــيَـيُّ، كــعب އަށް އެންގިއެވެ. "އަހަރެން މިއައީ ލަޝްކަރުތަކުގެ ރާޅުޖަހަޖަހައިއޮތް ކަނޑަކާ އެކުގައެވެ. ޤުރައިޝުންނާއި އެންމެހައި ޢަރަބީން މިތިބީ އުތުރިއަރައިގެން އައިހެވެ. އެއިން ކޮންމެ މީހަކުވެސް ހުރީ محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ ލޭފޮދަށް ފެންބޮވައިގެންފައެވެ. މިއީ އަތްދަށުން ދިޔަދޭކަހަލަ ފުރުސަތެއް ނޫނެވެ. މިއީ އިސްލާމީ ތަޙްރީކު މުލުންލުހެ އެއްލައިލާންވީ ވަގުތެވެ."

كــعب ޖަވާބުދިނެވެ. " އޭ حُــيَـيُّ އެވެ! އަހަރެންގެ ޙާލަށް އަހަރެން ދޫކޮށްލާށެވެ. ކަލޭ އަބަދުވެސް ގެންނަނީ ވާރޭވެހި ނިމިފައިވާ ވިލާތަކެވެ. އެ ވިލާތަކަކުން ފެނެއް ނާދެއެވެ. ފެންނަނީ ހުސް ވިދުވަރެވެ. އިވެނީ ހުސްއެކަނި ގުގުރާ އަޑެވެ. محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަހަންނަށް އަބަދުވެސް ފެނިފައިވަނީ صــادق الـــوعـــد އެއްކަމުގައެވެ. އެހެންކަމުން އެކަލޭގެފާނާއެކު ކޮށްފައިވާ ޢަހްދާ ޚިލާފުވުމަކީ މުރުއްވަތްކަމާ ޚިލާފު ކަމެކެވެ. ނަމަވެސް حُــيَـيُّ އަކީ މީހުންގެ ބަނޑަށްވަނުމުގައި އެފަދަ ދެވަނައެއް ނެތްމީހެކެވެ. އެހެންކަމުން އޭނާގެ ޖާދޫ ކަމުނުފޮޅައެއް ނުދިޔައެވެ. قـــــريـظــة ވަންހައިގެ މީހުން އިސްލާމީ ދައުލަތާއެކު ކޮށްފައިވާ ޢަހްދު އުވައިލައި ގުޅިފައިވާ ޢަރަބި ލަޝްކަރާ ބައިވެރިވެއްޖެއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން قـــــريـظــة ވަންހައިގެ މީހުންގެގާތަށް ވަފުދެއް ފޮނުއްވިއެވެ. ލިބިވަޑައިގެންނެވި ޚަބަރުގެ ޙަޤީޤަތް ހޯއްދެވުމަށެވެ. ޙުއްޖަތު ޤާއިމުކުރައްވައި މުނާސަބު ޢަސްކަރީ ތަދުބީރުތައް ޚިޔާރުކުރެއްވުމަށްޓަކައެވެ. އެ ވަފުދުގައި ހިމެނުއްވީ އަންޞާރުންކުރެ އައުސުވަންހައިގެ ރައީސު سعــد بـــن معــــاذ އާއި ޚަޒުރަޖުވަންހައިގެ ރައީސް ســعـــد بــــن عُــبــادة އާއި عــبـــد اللّــــه بـــن رواحـــة އާއި خــوَّات بــــن جـبــيـــر އާ (رضــــــى اللّــــه عـــنـــهـــم) މިބޭބޭކަލުންނެވެ. އެބޭކަލުންނަށް ޙަދީސުކުރެއްވިއެވެ. "ޙަޤީޤަތުގައިވެސް قـــــريـظــة ވަންހައިގެ މީހުން ޢަހްދު އުވައިލައިފައިވާނަމަ ތިޔަބޭކަލުން އެނބުރިވަޑައިގެން ނުސީދާކޮށް އަހުރެންގާތު އެވާހަކަ ވިދާޅުވާށެވެ. މީސްތަކުންގެ ހިތްވަރު އެލުނަ ނުދިނުމަށްޓަކައެވެ."

قـــــريـظــة ވަންހައިގެ މީހުން ކައުސާހިބާ ފޮނުއްވި ސަފީރުންނަށް ޖަވާބުއެރުވީ ވަރަށް ހަރުކަށިކޮށެވެ. ހުތުރު ބަހުންނެވެ. އެބޭކަލުން ޔަހޫދީންނަށް ވިސްނައިދެއްވައި މުޢާހަދާގެ މަތީން ހަނދާންކޮށްދެއްވުމުން ޔަހޫދީން ޖަވާބު އެރުވީ އަންނަނިވި މޭރުމުންނެވެ. "محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަކީ އަހަރެމެން ދަންނަ މީހެއް ނޫނެވެ. ތިޔަބޭކަލުން ތިޔަ ވިދާޅުވާ މުޢާހަދާއަކީވެސް އަހަރެމެން ކަނޑެއްކަން ފަޅެއްކަންވެސް ދެނެހުރި އެއްޗެއް ނޫނެވެ." ކޮންމެއަކަސް قـــــريـظــة ވަންހައިގެ މީހުން ޢަރަބީންގެ ގުޅިފައިވާ ލަޝްކަރާ ފާޅުގައި ބައިވެރިވެއްޖެއެވެ. އެ ލަޝްކަރުގެ ބޯގިނަކޮށްދީ ޢަސްކަރީ ފޯރުމާލު އިތުރުކޮށްދީފިއެވެ. މިއީ ހަނގުރާމައެއްގެ ތެރޭގައި ޔަހޫދީން ހިންގި އިންތިހާދަރަޖައިގެ ބޮޑު ޖަރީމާއެކެވެ. ޣަދަރުވެރިވުމެކެވެ.

(ނުނިމޭ)